25 October 2008
އަނިޔާވެރިކަމާ ދޮގާމަކަރަށް ދެން މިވަޠަންއިން ޖާގައެއް ނެތެވެ.
ދޮގުހެދުމާ އިތުރުފުޅު ހެއްދެވުމުގައި މައުމޫނަށްވުރެ ކުރިޔަށް ނެރެ ދެއްކޭނެ ދެން ހުރީކާކުބާއެވެ. ސިޔާސީ ކުށްވެރިއަކުވެ ދުވަހަކުވެސް ނެތް ކަމަށް ވިދާޅުވީމާ ޙައިރާން ވާންކަށް ނުޖެހެއެވެ. އެއަށްވުރެ މާބޮޑެތި ކަންކަމުގައިވެސް އެމަނިކުފާނު އިތުރުފުޅު ހައްދަވާކަން ނުދަންނަ ދިވެއްސަކު ނުހުންނާނެއެވެ.
ދިވެހި ރާއްޖޭގެ ޤާނޫނާ ޚިލާފަށް ހަތިޔާރު އެތެރެކޮށް ފިސްތޯލައެއް އަންބޮނޑިއަށް ޖަހައިގެން، އިތުރު އެތައްބައެއްގެ އަތަށް ހަތިޔާރު ދީގެން ވެރިކަމުގެ ހުވާ ކުރިމީހެއްގެ ވާހަކަ ދައްކާއިރު އެފަދަ މީހެއްގެ ދޮގުވެރިކަމާ، މަކަރުވެރިކަމާ ޙީލަތްތެރިކަމާ މެދު ދެން ޝައްކުކުރާނެ ޖާގައެއް ނޯންނާނެއެވެ. މައުމޫނުގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި އޭނާ ވެރިކަމަށް ގެނައުމަށް ބާރުއެޅި އެތައް ގާތް ރަޙުމަތްތެރިންނެއް އޭނާޔާ ދުރަށް ދާންޖެހޭނީ ސަބަބުތަކެއް އޮވެގެނެވެ.
މައުމޫނުގެ ކިބައިގައި އިންސާފާ ޢަދުލުވެރިކަމެއް ނެތްމިންވަރުން ވެރިކަމަށް ހޮވުނު ދެވަނަ ދައުރުގައިވެސް ވޯޓުވައްކަން ކޮށްފައިވެއެވެ. މިގޮތުން މާލެއާ ކައިރި ރަށަކުން އެރަށު ރައްޔިތުން ވޯޓުލާން ފެށިއިރު، ނަތީޖާ ނެރުނު ފޮށި ދަތުރަށް ތައްޔާރު ވެއްޖެއެވެ. އެދުވަހުގެ 8.30އަށް އެރަށާ ކައިރިކުރި ލޯންޗަށް ވޯޓުފޮށި ލީއިރު އަދި ހަމަ ރަށުގައި ވޯޓުލަނީއެވެ. އޭރުވެސް މައުމޫނު ގެ ޢަމަލުތައް ހުރިގޮތަކީ މިހިރީއެވެ. ވެރިކަމަށް އަރާ ވަޑައިގަތުމާއެއްކޮށް މައުމޫނާއި ނަސްރީނާހިމެނޭގޮތަށް ދެފަރާތުގެ ޢާއިލާއަށް ޤައުމު ބައްސަވަން ފެއްޓެވިއެވެ. މައުމޫނު ކަންކުރައްވަމުންދިޔަ ގޮތަށް ފާޑުކިޔާ އެފަދަ ކަންކަމުން ދުރުކުރަން މަސައްކަތް ކުރާ ކޮންމެބަޔަކު ހައްޔަރުކޮށް ޖިސްމާނީ ގޮތުންނާ ނަފްސާނީގޮތުން ދެމުންދިޔައަނިޔާތަކަކީ ކިތަންމެ ވަރަކަށް ދޮގުކުރަން މަސައްކަތް ކުރިޔަސް ނުފޮރުވޭނެ ޙަޤީޤަތްތަކެވެ.
ސިޔާސީ ކުށްވެރިން މައުމޫނުގެ ވެރިކަމުގައި ނެތްކަމަށް ވިދާޅުވިނަމަވެސް ލިސްޓްކޮށްލައިފިނަމަ މިލިސްޓަކީ ކުރުލިސްޓަކަށް ނުވާނެއެވެ. ޤައުމަށް އެބައެއްގެ ބޭނުންހިފޭނެ އެތައް އަގުހުރި ދަރިންނެއްގެ މައްޗަށް އަނިޔާވެރިވެ އެމީހުންގެ ދިރިއުޅުމަށް ދަތިކުރެއްވީ ސިޔާސީ ނޫން ކޮންބޭނުމެއްގައި ބާއެވެ. މިވަޠަންގެ ހެވާލާބަޔަށްޓަކައި މައުމޫނުގެ ވެރިކަމުގައި ކުރައްވަމުންދިޔަ ނުރަނގަޅު ކަންކަމަށް ފާޑުކިޔާ ކޮންމެ މީހަކީ ބޮޑެތި ކުށްވެރިންނަށް ހަދާފައި ނުވޭތޯއެވެ. ރައްޔިތުންގެ މަޖިލްސްތެރެއިންވިޔަސް އަދި ނޫސްމަޖައްލާ، އަދި އިންޓަރނެޓްގެ ޒަރީޢާއިންވިޔަސް މައުމޫނުގެ ވެރިކަމަށް ފާޑުކީ ކޮންމެ މީހަކު ޖަލުގެ ޢަޒާބުތަކަށް ހުށަހެޅިގެން ދިޔައެވެ. މިގޮތުން މުޅި ޤަައުމު ނަފްސާނީ ބަލިމަޑުކަމެއްގައި ޖައްސާ ޤައުމުގެ ބޮޑުބައެއް މިތިބީ ގަމާރު ބަޔަކަށް ހަދާފައެވެ. މައުމޫނުގެ ވެރިކަމުގައި ހުރި އުނިސިފަތަކުގެ ވާހަކަ ދައްކާ މީހުންނަކީ މިޤައުމުގެ ހަތުރުންނެވެ. މިއީ މައުމޫނު ދެކެވަޑައިގަންނަވާ ގޮތެވެ. އެންމެ ގާތް ރަޙުމަތްތެރިންވެސް މިފަދަ ކަންކަމާ ފާޑުކިޔައިފިނަމަ އެއީ މައުމޫނަށް އޭނާގެ ވެރިކަމާ ތޮޅެން އުޅޭ މީހަކުކަމުގައި ބެލެނީއެވެ. މިއަނިޔާވެރިވުންތައް ފެށުނީ އިއްޔެއަކު ނޫނީ މިއަދަކު ނޫނެވެ. މިކަމަށް ހެކިވެވަޑައިގަންނަވާނެ މައުމޫނުގެ ގާތް ރަޙުމަތްތެރިން މިއަދުވެސް ދުނިޔޭގައި އެބަތިއްބެވިއެވެ.
ޒަމާނީ ތަޢުލީމާ ފުރިހަމަ ތަރުބިއްޔަތު ލިބިވަޑައިގެން ހެޔޮނިޔަތުގައި ޤައުމަށް ޚިދުމަތްކޮށްދެވޭފަދަ އަގުހުރި ޤައުމުގެ އެތައްދަރިންނަކަށް ޤައުމު ދޫކޮށް ބިދޭސީ ފަސްގަނޑެއް ޚިޔާރުކޮށްގެން ތިބެންޖެހިފައިވެއެވެ. ޤައުމުގެ ހެވާލާބަޔަށް މަސައްކަތްކުރާ ދިވެހި ދަރިން ބަދުނާމުކޮށް އެމީހުންގެ ނަން ޚަރާބުކޮށް ކިލަނބުކޮށްލުމަކީ މައުމޫނުގެ ނިޔަތެވެ. އެހެންނަމަވެސް އަދިވެސް މިފަދަ ދަރިންގެ ހިތްމަތާ މިންނަތްތެރި މަސައްކަތުގައި އެމީހުން ދެމިތިބީ މިޤަައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދެވޭތޯއެވެ.
މިއަދު މައުމޫނުގެ މިއަނިޔާވެރި ވެރިކަން ނިންމުމަށް މައުމޫނާ ވާދަކުރުމަށް ނުކުމެ ހުރި މުޙައްމަދު ނަޝީދަކީ މިއެންމެންގެ ފަރާތުން މައުމޫނަށް ކުރިމަތިކުރުވާ އެންމެ ބޮޑު އިމްތިޙާނެވެ. މުޙައްމަދު ނަޝީދަކީ ފިސާރި ކެރޭ ދިވެހި ދަރިއެކެވެ. ޤައުމީ ބަޠަލެކެވެ. އެހެނީ މުޙައްމަދު ނަޝީދުގެ ކުރީގައިވެސް ފަހަތުގައިވެސް އަދި ގާތުގަޔާ ދުރުގައިވެސް ތިބީ ހަމަ އެއް މަޤްޞަދެއްގައި އެއްކަމަކަށް ނިޔަތްގަނެގެން ތިބި ޤައުމީ ބަޠަލުންކަމުގައި ވާކަމެވެ. މީގެން ކޮންމެ މީހެއްގެ ނިޔަތްވެސް ވަރަށް ސާފެވެ. މިޤައުމުގައި ޚުދުމުޚުތާރު ވެރިކަމަށް ޖާގައެއް ނުދޭނަމެވެ. މިޤައުމުގައި އަނިޔާވެރިކަން ފަތުރަން ޖާގައެއް ނުދޭނަމެވެ. މިއީ އަޅުގަނޑުމެން އެންމެންގެ ޤައުމެވެ. އަޅުގަނޑުމެން ނަކީ ދުވަހަކުވެސް ބަޔަކަށް ނުޙައްޤުން އަދަބުދީ އަނިޔާކުރާނެ ބައެއްނޫނެވެ. އެއީ މައުމޫނު ކަމުގައިވިޔަސް ވަރިހަމައެވެ.
އަޅުގަނޑުމެންގެ މިރާއްޖޭގައި ﷲ އިރާދާފުޅާ މިންވަރުފުޅާއެކު ދެން އުފެދޭނީ އަޅުގަނޑުމެންގެ ވެރިކަމެކެވެ. ރައްޔިތުންގެ ފަރާތުން، ރައްޔިތުންނަށްޓަކައި އުފެދޭ ދަރުމަވަންތަ ސަރުކާރެކެވެ. މިވަޠަންގެ އެންމެ ތުއްތު ދަރިންނާއި އެއްވަރަށް މިވަޠަންގެ އެންމެ ދޮށީ މީހާއަށް އަދި މިވަޠަންގެ އެންމެ މުއްސަނދި މީހާއާއި އެންމެ ނިކަމެތި މީހާއަށްވެސް ތަފާތުކުރުމެއްނެތި ވިހުރޭ ދިދައެއްކަމުގައި ދިވެހި ދިދަ އަޅުގަނޑުމެން ހަދާނަމެވެ.