23 October 2008
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް އަންނި ނުހޮވާންވީ ސަބަބެއް ނެތެވެ

މީލާދީ ވިހިވަނަ ޤަރުނާއި، އެކާވީސްވަނަ ޤަރުނު ގުޅާލަމުންއައި ތިރީސް އަހަރު ދުވަހު، ހުސް މުސްލިމުންގެ ކުޑަކުޑަ ދިވެހިރާއްޖެ ސިޔާސީ އިޖުތިމާޢީ ހުރަގެއަކަށް ހެދި ޑިކްޓޭޓަރޝިޕް ވައްޓާލުމުގެ ކަމަރު ބަނީ، މުޙައްމަދު ނަޝީދު (އަންނި) ފިޔަވާ ދެވަނަ މީހެއްނޫނެވެ. އެއީ، ތިންުލައްކަޔާ ގާތްކުރާ ދިވެހި ރައްޔިތުންގެ ތެރެއިން ހަމަ އެކަކަށްވެސް ލާންކެރުނު ނޭވާއެއް ނޫނެވެ.
އެކި ސިފަސިފާގައި، ހައްޔަރުވަމުން، ބަންދުވަމުން، ދެކޮޅަށް ދެމެމުން، ތެޅެމުން ސުންނާފަތިވަމުން، ޤައުމަށްޓަކާ ވަޠަނަށްޓަކާ، ޤައުމިއްޔަތުގެ ރޫޙު އުފުލާލަމުން، ތާރީޚަށް އަންނި ގެނެސްދިން ބަދަލުތައް މިއަދުގެ ތަޞައްވުރުގައި އެހެރީ ވިދަވިދައެވެ. “ސަންގު” ނެރުން ކަމަށް ވިޔަސް ވަރިހަމައެވެ. ސްރީލަންކާގައި، އެމް.ޑީ.ޕީގެ ބިންގާއެޅުން ކަމަށްވިޔަސް އެންމެ ރަނގަޅެވެ. އިނގިރޭސި ވިލާތަށް އަމިއްލަޔަށް އަރުވާލެވުން ކަމަށްވިޔަސް މައްސަލައެއްނެތެވެ. ސަގަރޭ ޕާކުގެ ވައްބުރުގައި އޮގަސްޓް ބާރަތޭރަ ހަނދާން އާކުރުމުގެ ސަބަބުން “ޓެރަރިސްޓަކަށް ވުން” ކަމަށްވިޔަސް ފަރުވާލެއްނެތެވެ.
ޑިމޮކްރަސީގެ ފަސްއަކުރު ދިވެހި ބިމުގައި ކިތަންމެ ފަނޑު ގޮތެއްގައި ނަމަވެސް ފުރަތަމަ ފަހަރަށް ލިޔެލި ޒަޢީމަކީ އަންނިއެވެ. “ދަގަނޑު ދަހަނާ” ގެ ތާރީޚީ ތަޞްނީފުން ދިވެހި ޖައްވަށް މަޝްހޫރުވި ކެނެރީގޭ މުޙައްމަދު ނަޝީދެވެ. ބިރެއް ސިހުމެއްނެތި “ކިނބިގަސްދޮށުގޭ މައުމޫނު” ދިވެހި ދުލަކުން ދުވަހަކުވެސް ފާޅުކުރީ އެދުލުންނެވެ. ޖެހިލުމެއް ވަންހަނާކަމެއް ނެތި “މިހާރު މިއޮތް ޑިކްޓޭޓަރޝިޕް ވައްޓާލާނަމޭ” ބުނެ ހާމަކުރީ އެ ދުލުންނެވެ. ހަމައެކަނި، ދުލުކޮޅުން ފާޅުކޮށް ހާމަކޮށްލި ސަޅި ވާހަކަ ތަކެއް އެކަންޏަކު ނޫނެވެ. ދިވެހިރާއްޖޭގެ މިޒަމާނުގެ ލީޑަރޝިޕް އުފެއްދީއެވެ. ފުރަތަމަ ސިޔާސީ ޕާޓީ ވުޖޫދަށް ގެނައީއެވެ. ޤައުމާއި ރައްޔިތުންނަށް ދިމާވެފައިމިވާ، ތަޙައްމަލުކޮށް ބަރުދާސްތުކުރުން ދަތި ވޭނީއާހްތައް، ސަމާލުކަމަށް ގެނައުމަށްޓަކައި މަގުމައްޗަށްވެސް ނުކުންނެވީއެވެ. ޤުރުބާނީއާއި ޚިދުމަތުގެ އާ ދުނިޔެއަކަށް ދިވެހި ޒަމީރުތަކާއި ފިކުރުތައް ފަޖުރުލައްވާލީއެވެ. އަމިއްލަ އެދުމެއްނެތި ހަމައެކަނި ވަޠަނަށްޓަކައެވެ. ޤައުމާއި ރައްޔިތުންނަށްޓަކައެވެ.
މިފަދަ އަގުހުރި ދަރިޔަކު، މިފަދަ ޝަރަފުވެރި ލީޑަރަކު، ޤައުމަށްޓަކާ ރައްޔިތުންނަށްޓަކާ، ދިވެހި މުޖުތަމަޢުގެ ވެރިޔަކަށް ވުމަށް އިސްނުނަގާންވީ ސަބަބަކީ ކޮބައިބާއެވެ! ބޮޑުތަކުރުފާނު، ޕޯޗުގީޒުގެ ސީބާޒުގެ ވަކިތަކުން ދިވެހިރާއްޖެ ސަލާމަތް ކުރުމަށްފަހު، ޤައުމުގެ ވެރިޔަކަށް ވެވަޑައިގަތެވެ. ދަރުމަވަންތަ ރަސްގެފާނު ރަންނަމާރި ލޯޑުބުއްދާގެ އަތްދަށުން ދިވެހި އުއްމަތް ނަޖާ ކުރުމަށްފަހު، ރާއްޖޭގެ ފުރަތަމަ އިސްލާމީ ރަސްކަލަކަށް ވެވަޑައިގަތެވެ. ޤައުމެއްގެ މިނިވަން ކަމާއި އިސްތިޤްލާލާށްޓަކައި، ލެޔާއި ދާ އޮހޮރުވާލެއްވި ޤައުމީ ލީޑަރަކާއި، ޤައުމުގެ ވެރިކަމާއި ދެމެދު ހުރަސްއަޅަނީ ކޮން ސަބަބު ތަކެއް ހެއްޔެވެ!
އަލްޖީރިޔާގެ މިނިވަންކަމުގެ ބާނީ މުޙައްމަދު ބުދިޔާފް، އެތާނގެ ރައީސަކަށް ވިއެވެ. ކިންގް ފާރޫޤު ޚުދުމުޚުތާރިއްޔާއިން މިޞްރު ސަލާމަތް ކުރެއްވި މިނިވަން އޮފިސަރުންގެ ލީޑަރ ޖެނެރަލް މުޙައްމަދު ނަޖީބު މިޞްރުގެ ފުރަތަމަ ރައީސަކަށް ވިއެވެ. ޝާހު މުޙައްމަދު ރިޒާ ވައްޓާލި، އިސްލާމީ އިންޤިލާބުގެ ޒަޢީމު އާޔަތުﷲ ޚުމޭނީ އީރާނުގެ ލީޑަރަށް ވިއެވެ. ޕާކިސްތާނުގެ އަތްދަށުން އިރުމަތީ ބަންގާޅު ސަލާމަތްކުރެއްވި ބާނީ ޝައިޙު މުޖީބުއް ރަޙުމާނު، ބަންގްލަދޭޝްގެ ރައީސަކަށް ވިއެވެ. އަދި، ނަޞްލީ އިމްތިޔާޒުގެ އަނިޔާއިން ސައުތު އެފްރިކާ ނަޖާކުރުމުގައި އޭއެންސީގެ ލީޑަރަކަށްވީ ނެލްސަން މަންޑޭލާ، އެޤައުމުގެ ފުރަތަމަ ޑިމޮކްރަސީ ރައީސްކަން ކުރެއްވިއެވެ. ޖޯޖިޔާގެ ފިނިފެންމާ އިންޤިލާބުގެ ލީޑަރ ސާކަސްވެލީ، އެތާނގެ ފުރަތަމަ ޑިމޮކްރަސީގެ ވެރިޔަކަށްވިއެވެ. މިނިސްބަތަށް ދިވެހިރާއްޖެ ގެންނަ ކޮންމެ ދުލަކާއި ޤަލަމެއް، ސަތޭކަ ޕަސެންޓަށް އިއްތިފާޤުވަނީ، މިނިވަން ޑިމޮކްރަސީއެއް އުފެދި އަންނަ މިދިވެހިރާއްޖޭގެ ފުރަތަމަ ރައީސަކަށް އަންނި އިސްވުމާމެދު ކުޑަވެސް ހުރަހެއް ނެތްކަމުގައެވެ.
މުޙައްމަދު ނަޝީދު އަންނި، ރައީސްކަމުގެ މަޤާމަށް ހޮވާންވީ އޭނާއަކީ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި މީހެއްގެ ހައިޞިއްޔަތަކުން ނޫނެވެ. ހަމައެކަނި، ދިވެހި މުޖުތަމަޢުގެ މިނިވަންކަމާއި ޑިމޮކްރަސީ އަށްޓަކާ ޤުރުބާންވަމުން އަންނަ ހިތްވަރުގަދަ ޤައުމީ ބަޠަލެއްގެ ޙައިޞިއްޔަތުންނެވެ. އަމިއްލަ އެދުންނެތް ރައްޔިތުންގެ ލީޑަރެއްގެ ޙައިޞިއްޔަތުންނެވެ. ހިތްވަރާއި ޢަޒުމާއި ކެރުންހުރި ސާބިތު ޑިމޮކްރޭޓެއްގެ ޙައިޞިއްޔަތުންނެވެ. އޭނާ، އެމް.ޑީ.ޕީ ވުޖޫދަށް ގެނައުމަށްޓަކާ ޖިހާދުކުރެއްވީ، ޤައުމުގެ ވެރިޔަކަށް ވުމުގެ ދަހިވެތިކަމުގައޭ ބުނާ ކޮންމެ ދުލަކަށް ޖަވާބު ދެމުން ބުނަންއޮތް އެތައް ވާހަކައެއް އެބައޮތެވެ.
މަހާތުމާ ގާންދީ، އިންޑިއަން ސަބްކޮންޓިނެންޓް މިނިވަން ކުރެއްވުމަށްޓަކާ، ސަތިޔަ ގުރަހާ އުފެއްދެވީ، ގާންދީ ޢާއިލާއަށް ކޮންގްރެސް ޕާޓީއާއި، އިންޑިޔާގެ ވެރިކަން ވާރުތަ ކުރުމުގެ ދަހިވެތި ކަމުގައި ހެއްޔެވެ؟ އަބުލް ޢައްބާސް އައްސަފާޙު، ޢައްބާސީ ދައުލަތް އުފެއްދެވީ، ޢައްބާސީންނަށް އިސްލާމީ ޚިލާފަތު ވާރުތަ ކުރެއްވުމުގެ ދަހިވެތި ކަމުގައި ހެއްޔެވެ؟ އިނގިރޭސި ކޮންޒާވެޓިވް ސަރުކާރުގެ ބޮޑުވަޒީރެއްގެ ޙައިޞިއްޔަތުން، ވިންސްޓަން ޗާޗްހިލް، ދެވަނަ ބޮޑުހަނގުރާމައިން ދުނިޔެ ސަލާމަތް ކުރެއްވުމުގެ އިއްތިޙާދީ ހުންގާނުގައި ހުންނެވީ، ދުނިޔެ އުމުރު، ކޮންޒާވެޓިވް ސަރުކާރު އިނގިރޭސި ވެރިކަމުގައި ބޭއްވުމުގެ ދަހިވެތި ކަމުގައި ހެއްޔެވ؟ ވެރިކަމަކީ، ވަކިމީހެއްގެ ވަކިދަރިކޮޅެއްގެ ވާރުތައެއް ނޫނެވެ. ފައިސާވެރިންގެ ޙައްޤެއްވެސް ނޫނެވެ. ވެރިކަމަކީ، ރައްޔިތުންގެ ޙައްޤުގައި، އިންސާފާއި ހަމަހަމަކަމަށްޓަކައި ޑިމޮކްރަސީގެ ޖިހާދުކުރާ މުޞްލިޙުންގެ އެއްޗެކެވެ.
ޤައުމާއި ރައްޔިތުން މިނިވަންކަމާއެކު އިންތިޚާބުކުރާ ދަރިންގެ އެއްޗެކެވެ. އަންނި، ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތި ލައްވަނީ މިއުޞޫލުންނެވެ. ދިވެހި ޤައުމާއި ރައްޔިތުން، ޑިކްޓޭޓަރޝިޕަށް ވަދާޢުކޮށް، ޑިމޮކްރަސީއަށް މަރުޙަބާ ކިޔާ ހިނދުއެވެ. ދިވެހި ވެރިކަމަށް “އަންނި” އެއް، ބޭނުންވާ ހިނދުއެވެ. ތިރީސް އަހަރުގެ ބިރުވެރި ކަމާއި އަނިޔާވެރިކަމުގެ ކަޅުވިލާތައް، ދިވެހި އުޑުމަތިން ކަހާލެވޭތޯއެވެ. ރައްޔިތުން އިންތިޚާބުކުރާ، ރައްޔިތުންގެ ވެރިޔަކު، ދިވެހި ފަސްގަނޑުގައި ވެރިކަން ކުރާތަން ދެކިލުމަށްޓަކާ ކުރެވޭ ފޮނި އިންތިޒާރުތަކުގެ ނިމުމެއްގެ ގޮތުންނެވެ. ޑިމޮކްރަސީ އަށްޓަކައެވެ. އިސްލާމްދީނަށްޓަކައެވެ. މިނިވަން ކަމަށްޓަކައެވެ. ތާރީޚު ދައްކަނީ މި ޙަޤީގަތެވެ.
ހިޖާޒުކަރަޔާއި ނަޖުދުކަރައިގައި ފެތުރިފައިވާ އަނިޔާވެރިކަން ނިމުމަކަށް ގެންނެވުމަށްފަހު، ޢަބްދުލް ޢަޒީޒު އަލްސުޢޫދު، ސުއޫދީ ޢަރަބިއްޔާގެ ރަސްކަލަކަށްވިއެވެ. މިނިވަން އިސްލާމިކް ޕާކިސްތާނުގެ ބާނީ، މުޙައްމަދު ޢަލީ ޖިނާޙު، އެތާނގެ ފުރަތަމަ ގަވަރަނަރ ޖެނެރަލްއަކަށްވިއެވެ. އިންޑިއަން ސަބްކޮންޓިނެންޓްގެ އިންތިޤާލީ ކޮމެޓީގެ ރައީސް ޖަވާހިރުލާލު ނެހެރޫ، މިނިވަން އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރަކަށްވިއެވެ. އަންނި، ދިވެހިރާއްޖޭގެ ޑިމޮކްރަޓިކް މިނިވަން ސަރުކާރުގެ ރައީސަކަށް ހޮވުމުގެ ހުރަހަކަށްވާންވީ ކޮންސަބަބެއް ހެއްޔެވ؟ ދިވެހި ޤައުމުގެ މިނިވަން ޑިމޮކްރަސީއަށްޓަކާ އަންނި ޤުރުބާން ނުވަނީ، މިވެނި ރޮނގަކުންނޭ ބުނެބަލާށެވެ.
އިނގިރޭސި ކޮންޒާވެޓިވް ޕާޓީއާ ގުޅުން ބަދަހި ކުރެއްވިއެވެ. ވެސްމިންސްޓަރ ހައުސްގައި ސިލޯންގައި ހުންނަވާ އިނގިރޭސި ސަފީރުގެ ހާޒިރުގައި ޑީ.އާރް.ޕީއާއެކު ނުވަތަ ދިވެހި ސަރުކާރާއެކު، ޑިމޮކްރަސީގެ ލަނޑުދަނޑިތަކަށްޓަކާ މަޝްވަރާކުރެއްވިއެވެ. ދަރުބާރުގޭގައި، ޤާނޫނު އަސާސީ އިޞްލާޙުކުރުން އަވަސްކުރުމަށްޓަކާ، ޑީ.އާރް.ޕީއާއެކު ވާހަކަތައް ބޭއްވެވިއެވެ. މަޝްހޫރު “ނޮވެމްބަރ 10″ މަޝްހޫރު ” މޭޑޭ” މަޝްހޫރު “29 އުނިކުރުން” ވުޖޫދަށް ގެންނެވިއެވެ. ބަރުލަމާނީ ނިޒާމަށްޓަކާ ރާއްޖޭގެ ލޯތައް، ސިޔާސީ ނިޒާމާ ދިމާއަށް އަނބުރާލެއްވިއެވެ. “މިނިވަން އިންސާފުވެރި އިންތިޚާބު” ދިވެހިންނަށް ގެނެސްދެވޭތޯ، ރެފަރަންޑަމްގެ ދުނިޔެ ސާފުކުރެއްވުމަށް ޖިހާދު ކުރެއްވިއެވެ.
މިއީ، ދިވެހިރާއްޖޭގެ އާދައިގެ ރައްޔިތެއްގެ ކިބައިން ލިބިދޭނެ ޤައުމީ ޚިދުމަތެއް ކަމަކަށް މީގެކުރިއަކު. އެއްވެސް ދިވެއްސަކު ޤަބޫލެއް ނުކުރާނެއެވެ. މިއީ، ލާމަސީލު ނަމޫނާއެކެވެ. މިއީ، ތާރީޚީ މިސާލެކެވެ. އެމް.ޑީ.ޕީގެ ޗެއަރޕާސަން ކަމުން ޤުރުބާންވެ ވަޑައިގެން، އެމް.ޑީ.ޕީއަށްޓަކާ، ދިވެހި ޤައުމަށްޓަކާ، މުޙައްމަދު ނަޝީދު އަންނި، ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ހޮވުމާމެދު، އެއްވެސް ހުރަހެއްނެތެވެ. ޤައުމުގެ އެންމެހާ ރައްޔިތުންނަށް އޮތީ، އަންނި އަށް ތަރުޙީބުދީ ތާޢީދު ކުރުމުގެ އަގުމާތް ޝަރަފު ޙާޞިލްކުރުމެވެ. އަންނިގެ ކުރިމަގު ވަރަށް ސާފެވެ. އޭނާއަށް ފުރިހަމަ ކާމިޔާބީއެވެ!!