21 October 2008
ބެންގަލޫރު މައިސޫރުގައި ވޯޓު ފޮށްޓެއް ބެހެއްޓޭފަދަ ޤާބިލުކަންވެސް ނެތް ސަރުކާރެއް..
މިފަހަރު ރީތި ލަގާއެއް ދޭނަމެވެ.
ވަޠަންގެ އާޒުވާނުން/ ބެންގަލޫރު /މައިސޫރު
އިންޑިއާގެ ބެންގަލޫރާއި މައިސޫރުގައި ދިރިއުޅޭ އެތައް ސަތޭކަ ބައެއްގެ އުއްމީދަކީ މިދެތަނުން ކޮންމެސް އެއްތަނެއްގައި ނަމަވެސް ވޯޓު ފޮށްޓެއް ބެހެޓޭގޮތަށް ހަމަޖެހުމެވެ. މިފަދަ އިންތިޒާމެއް ސަރުކާރުން ހަމަޖައްސަވާދެއްވާތޯ މަސައްކަތް ކިތަންމެ ވަރަކަށްވެސް ކުރެވިއްޖެއެވެ. ފުރަތަމަ ބުރުގެ ވޯޓަށްވެސް ކޮޅަކަށް 18ގަޑިއިރު ހޭދަކޮށް ދަތުރުކޮށް އެތައްބަޔަކު ވޯޓުލައިފިއެވެ. ދެވަނަ ބުރަކަށް ވޯޓުލާން ހަމަޖެހުމުން މިދެތަނުން ތަނެއްގައި ފޮށި ބަހައްޓާ ދޭތޯ ޕެޓިޝަން ހަދާ ޕެޓިޝަންވެސް ހުށަހެޅުނެވެ. އަދި މިއަދާ ހަމަޔަށްވެސް މިކަން ހަމަޖެހޭތޯ ބައްލަވަ، ބައްލަވާ ތިއްބެވީއެވެ. ވީކަމެއް ހަރާމެވެ.
މިއަދު މިހާމަވަނީ އަހަރުމެންނާ މެދު ސަރުކާރުން ގެންގުޅޭ ވިސްނުމެވެ. އަހަރުމެން ނުހަނު ޙާލުން މިތަނަށް ކިޔެވުމަށް އަދި އެނޫންވެސް ގޮތްގޮތުން ރާއްޖެއިން ބޭރަށް އަންނަންޖެހިގެން މިތިބީ އައިހެވެ. މި އަދު އަހަރުމެން އުޅޭ ޙާލު ސަރުކާރަށް ތަޞައްވަރު ނުކުރެވެނޭއެވެ. ރާއްޖޭން ބޭރުގައި ދިރިއުޅޭ މީހުންނަށް ޤައުމުގެ ޙާލަތު ނޭނގޭނެ ކަމަށް ވިދާޅުވާ ބޭފުޅުންނަށް ހަމަ ތަންދޮރު ވެސް ނޭނގެނީހެއްޔެވެ. އަހަރުމެން ޤައުމުން ބޭރުގައި މިއުޅެންޖެހެނީ ޤައުމުގައި އޮތް ޒަމާންވީ މުސްކުޅު ސަރުކާރުގެ ނުކުޅެދުންތެރިކަމާ ހެދި ނޫންހެއްޔެވެ. މިއަދު އަހަރުމެންނަށް ވޯޓުލެވޭނަ ފަދަވެސް އިންތިޒާމް ކޮށް ނުދެވުނު ސަރުކާރަކުން އަދިވެސް ތިފޮނުވަނީ އާއުސް މިންތަކަށް އަރުވަން ވެގެން ވޯޓު ހޯދާށެވެ. މާތްކަލާކޯއެވެ. ތި ފަދަ އުސްމިނަށް އަރުވަން ނުހައްދަވާށެވެ. އުސްމިންނޭނގޭ އުސްމިންތަކަކުން އަޅުގަނޑުމެން އަޑިނޭނގޭ ފުންގަނޑަކަށް ވައްޓާލަން އުޅުނެއްކަމަކު ތިޔަ މަޅީގައި ޖެހޭނީ މޮޔަބައެކެވެ. ފައިސާގެ ދަޅަ ދައްކައިގެން ވޯޓު ހޯދަން މިއަދު ތިފޮނުވާ މީހުންނަށް މިފަހަރު ރީތި ފިލާވަޅެއް ދޭނަމެވެ.
ބުނަންހެއްޔެވެ. އަދިވެސް ވޯޓުލާނަމެވެ. ފިސާރިކެރިގެން ވަތަން އެދޭގޮތަށް މިތިބީ ދާން ދަތުރު ހަދައިގެނެވެ. މި ތަނުގައި ވޯޓު ފޮށި ނުބެހެއްޓީ ނަތީޖާއަށް ވިސްނާފަ ނޫންހެއްޔެވެ. ނަތީޖާ ފިސާރި ނެރެދޭނަމެވެ. ތިޔަ ބަހާލާރިވެސް އަހަރުމެންތެރެއިން ބަޔަކު ހިފާނެއެވެ. ޔަޤީން ކުރާށެވެ. ތިޔަ އުސްމިންތަކަށް މިތަނުން ފިސާރި ރީތި ރައްދެއް މިފަހަރު ދޭނަމެވެ. ޚަރަދު ކުރާށެވެ. ލިބިގަންނާނީ މަދުބައެކެވެ. އެމީހުންވެސް މިފަހަރު ނޫނެކޭ ބުނެފަ ދައްކާނެއެވެ. ފުރަތަމަ ބުރުގައިވެސް ބެންގަލޫރުން ލާރިދޭން ބުނެގެން ގެންދިޔަ 30 ކުދިންނަށް ޖެއްސި ޙާލު ހަނދާން އެބަހުއްޓެވެ. ޓްރިވެންޑްރަމް ގައި އެތިބަ ޖަނަވަރީ އާ ޝައްމޫނު ގަންގަނޑު ވެސް ހަނދާން ބަހައްޓާށެވެ. މިފަހަރު ރީތި ލަގާއެއް ދޭނަމެވެ. ޓްރިވެންޑްރަމް ކީއްކުރަންހެއްޔެވެ. އިންޑިއާގެ ކޮންމެ ބިތެއްގަ ފޮށި ބެހެެއްޓިޔަސް މިފަހަރަކު ތިޔަފޮށިން ކާމިޔާބެއް ކުރާކަށް ލާހިކެއްނޫނެވެ. މިފަހަރު ތިޔަ ހުށަހަޅާ ޢަދަދު އަދި މާރީއްޗެވެ. އަވަހަށް ފޮނުވާށެވެ. އޭގަ ހިފާނީ މަދު ބައެކެވެ. އެހިފާ މީހުންވެސް މިފަހަރު ރީތި ފިލާވަޅެއް ދޭނެއެވެ. ކުރިންފަހަރު ހެދިހެން ކަރުދާސް ހުސްވެގެން މިފަހަރު އުޅެން ނުހަދައްޗެވެ. ފޮށި ނަގާ ގުނާލާނީ އަހަރުމެންނެވެ. މިތިބީ ވަތަން އެދޭގޮތަށް ދާށެވެ.