17 October 2008
ފައިސާ ދީފައި މައުމޫނަށް ވޯޓުލާނެ ކަމަށްބުނުވާ ޚަތިމުގަ އަތްލާ ހުވާ ކުރުވަމުންދާ މައްސަލާގައި ރައްޔިތުންގެ އެދުމުގެ މަތީން ޖަމިއްޔަތުއްސަލަފާއި، އަދާލަތު ޕާޓިގެ ސަމާލުކަމަށް
އާމިނާ ވަދޫދާއި، އަސްމާ ޖަހަންގީރާއި، ޕްރޮފެސަރ ކަމާލީ ރާއްޖެއަށް ގެންނަވައި ހުރިހާ ދީނަކަށް އުޅުމުގެ މިނިވަންކަން ދިވެހިންނަށް ލިބެންޖެހޭނެކަމަށާއި އެހެންދީނުގެ މީހުން އަޅުކަން ކުރާނެތަންތަން ރާއްޖޭގައި ބިނާކުރެވެން ޖެހޭނެކަމަށް ވާހަކަ ދައްކުވާ ފަތުވާ ދެއްވާ ހައްދަވާފަވާ އަދި، ސުއްނަތަށް ތަބާވި ދިވެހީން ހިފާ ހައްޔަރުކޮށް، ޖަލަށްލާ، ދަންވަރު އަދަބުބީ، އޮރިޔާން ކޮށް، އެމީހުންގެ އައިބު ގުނަވަންތަކަށް އަނިޔާ ދީ، އެމީހުންގެ ތުބުޅި ޓޮމާޓޯ ސޯސް ޖަހައިގެން ބޭލުމަށް އެންގެވި، ރާއްޖޭގެ ރައީސް މައުމޫނަށް ވޯޓު ހޯދުމަށްޓަކައި، ފަގީރު އާއްމުންނަށް ފައިސާ ދިނުމަށް ފަހު މައުމޫނަށް ވޯޓުދޭނެކަމަށް ބުނުވާ ކީރިތި ޣުރުއާނުގައި އަތްލާ ހުވާކުރުވަމުން ދާތީވެ ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު މިކަމުގައި ދީނީ މަޝްވަރާއަށް އެދި އަޅުގަނޑުމެން ކުރެން އެދެމުން އެބަ އާދެއެވެ.
ހުށަހެޅިފައިވާ ސުވާލުތަކުގެ ތެރޭގައި، ތިމަންމެންގެ ނިކަމެތި ހާލަތުގެ ނާޖާއިޒު ފައިދާ ނަގާ ފައިސާދިނުމަށްފަހު ވޯޓުލައިދޭން ބުނުމުން އެފައިސާގަ ހިފުމުން، އެއީ ރައްޔިތުންގެ ޙާކިމުގެ ފަރާތުން ދެވޭ ރިޝްވަތެއްކަމުގައި ވިޔަސް، އެ ޙާކިމުގެ ސަބަބުން ނުވަތަ އިހުމާލުން ޙައްގުތަކުން މަހުރޫމުވެ މަޖުބޫރީ ހާލަތުގެ ސަބަބުން އޭގައި ހިފި މީހާއަށްވެސް އޮންނާނީ ރިޝްވަތުގެ ޙުކުމްތޯ ބައެއް ސުވާލުތަކުގައި އެބަހުއްޓެވެ.
ހަމައެފަދައިން އެފައިސާ ދިނުމަށްފަހު ތިމަންނާމެން ލައްވާ ކީރިތި ގުރުއާނުގައި އަތްލާ މައުމޫނަށް ވޯޓު ދޭނެކަމަށް ބުނުވާ ހުވާކުރުވުމުން، ތިމަންނާމެން އެފަދަ ހުވާ އެކުރަނީ އަނެއްކާވެސް ތިމަންނާ މެންގެ މަޖުބޫރީ ހާލަތުގެ މައްޗަށް އެހެން ގޮތެއް ނެތިގެން ކަމަށް ވުމާއި އެކު އެ ހުވައަކީ ސައްޙަ ހުވައަކަށް ވާނެތޯއާއި އަދި އެފަދަ ހުވާ ދަމަހައްޓަން ޖެހޭނެ ތޯވެސް ސުވާލު އައިސްފާ އެބަހުއްޓެވެ. ހަމަ އެއާއި އެކު މަޖުބޫރީ ހާލަތުގައި ފައިސާގައި ހިފާ ޚަތިމުގަ އަތްލާ ހުވާ ކުރުމަށް މަޖުބޫރުކުރުވުމުން އެކަންވެސް ކުރުމަށްފަހު ދެން ތިމަންނާމެން މައުމޫނަށް އެއްވެސް އިރެއްގައި ވޯޓުދޭން ބޭނުން ނުވާތީ ވޯޓު ލާއިރު ތިމަންނާމެން އެހެން މީހަކަށް ވޯޓު ދީފިނަމަ އެވާނީ ކޮންކަހަލަ ކަމަކަށްތޯވެސް ސުވާލު ކޮށްފައި އެބަ ހުއްޓެވެ.
މިފަދަ މުހިއްމު މައްސަލައެއްގައި، އަޅުގަނޑުމެންގެ ފަރާތުން ދީނީގޮތުންއެއްޗެއް ދެންނެވުމަށް ވުރެ، ދިވެހި ރާއްޖޭގައި ރަޖިސްތްރީވެގެން ދީނަށް ޙިދުމަތް ކުރުމަށް އުފައްދަވާފައިވާ، ޖަމުއްޔާތަކާއި، ސިޔާސީ ޕާޓީތަކުން މިކަން ދީނުގައި އޮތް ގޮތުގެ މައްޗަށް ފަތުވާ ދެއްވުން މާ ޙައްގުކަން ބޮޑުކަމުގައި ދެކެމެވެ.
ވުމާއި އެކު، ޖަމިއްޔަތުއް ސަލަފާއި، އަދާލަތު ޕާޓީގެ ދަންނަ ބޭކަލުންގެ ފަރާތުން މިކަމާއި ބެހޭގޮތުން ދީނުގައި މިކަން އޮތް ގޮތް ދިވެހި ރައްޔިތުންނަށް އޮޅުންފިލުވާ ދެއްވާ، ނޫސް ބަޔާނެއް ނުވަތަ ފަތުވާ އެއް ވީ އެންމެ އަވަސް ފުރުޞަތެއްގައި ނެރެ ދެއްވުމަށް އެދޭ ވާހަކަ ވަރަށް އިޙްތިރާމާއި އެކު ދަންނަވަމެވެ. މިފަދަ ހާލަތު ދިމާވެފައި ތިބި ދިވެހި ރައްޔިތުންވެސް އެމީހުންގެ ވޯޓުގަނޑު ރައީސް މައުމޫނަށް ނުދީ ފަރު ޖެހޭނެ ގޮތެއް އޮތްތޯ ބަލަން ބޭނުންވެއެވެ.