17 October 2008
މަޖިލީހުގައި ތިބި އިދިކޮޅު ޕާޓީތަކުން ޖޮއިންޓް ޕާލިމަންޓްރީ ގްރޫޕެއް އުފައްދަވައިފި
ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ ސަރުކާރާއި އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން ގުޅިވަޑައިގެން މަޖިލީހުގެ މަސައްކަތްތައް ކުރުމަށްޓަކައި ޖޮއިންޓް ޕާލިމަންޓްރީ ގްރޫޕެއް އުފައްދަވައިފިއެވެ.
އެމްޑީޕީ އިއްތިހާދުގެ ފަރާތުން މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަދައްކަވަމުން މި ޖޮއިންޓް ގްރޫޕްގެ ލީޑަރ އަދި މާލޭގެ މެމްބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވީ މި ގްރޫޕް އުފެއްދެވީ މަޖިލީހުގައި މިހާރު ތިއްބެވި އިދިކޮޅު ޕާޓީތަކުގެ ލިޑަރުންގެ އެއްބަސްވުމެއްގެ މަތީންކަމުގައެވެ. އަދި މި ގްރޫޕްގެ މަގާމްތަކަށް މެމްބަރުން ހޮވާފައިވަނީ މަޝްވަރާގެ މަތީން މަގާމްތަކަށް ހުރިހާ މެމްބަރުންވެސް އިއްތިފާގުވާ މެމްބަރުންކަމުގައި އިބްރާ ވިދާޅުވިއެވެ.
މި ގްރޫޕްގެ މަގާމްތަކުގައި ތިއްބަވާ މެމްބަރުން މިއަދު އިއުލާންކުރެއްވީ ތ އަތޮޅުގެ މެމްބަރު މުހައްމަދު ޝަރީފްއެވެ. މިގޮތުން މިގްރޫޕްގެ ލީޑަރ އަކީ އިބްރާއެވެ. އަދި ނައިބް ލީޑަރުންގެ ގޮތުގައި އަބްދުﷲ ޖާބިރު އަދި މާރިޔާ އަހުމަދު ދީދީ ތިއްބަވާނެކަމުގައި ޝަރީފް ވިދާޅުވިއެވެ. ވިޕުންގެ ގޮތުގައި މިގްރޫޕްގައި ތިއްބަވާނީ އެބޭފުޅާއާއި ރީކޯ މޫސާ މަނިކުކަމުގައި ޝަރީފް ވިދާޅުވިއެވެ. މިގްރޫޕްގައި މުޅިއެކު ތިއްބަވާނީ 17 މެމްބަރުންކަމުގައި އިބްރާ މިއަދު ވިދާޅުވެފައިވެއެވެ.
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ވިޕް އަދި ޅ އަތޮޅުގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވިގޮތުގައި މިގްރޫޕްގެ ބޭނުމަކީ ވަތަން އެދެނީ މިގައުމުގައި މިހާރު ހިނގަމުންދާ ސަރުކާރު ބަދަލުކުރުމަށް ކަމަށް ފެނުނު ހިނދު ސަރުކާރު ބޭނުންހާ ގޮތަކަށް މަޖިލީސް ހިންގަމުންދާ ދިޔުން ހުއްޓުވުމެވެ. އަދި ރައްޔިތުންނަށް ފައިދާ ހުރި މަސައްކަތްތައް ކުރުމަށް އެކައްޗެއް ކިޔައިގެން މަސައްކަތްކުރުމެވެ. މިގޮތުން އެންމެ ފުރަތަމަ މިގްރޫޕްގެ ފަރާތުން ކުރި މަސައްކަތަކީ ހުޅުމާލޭން ގޯތި ހިލޭ ލިބޭނެ ގޮތް ހެދުމަށް އަންގާރަ މަޖިލީހުގައި ކުރެވުނު މަސައްކަތްކަމުގައި އެބޭފުޅުން ހާމަކުރެއްވިއެވެ.