ސިފައިންގެ ފައުޖުތައް ވިޔަފާރި އަށް ނުކުތުމަކީ ޤައުމުގެ މުސްތަޤުބަލް ބަނަ ކަމުގެ ބިރުވެރި އިންޒާރެއް!

07 އޮގަސްޓް 2012 21:43 | 19 ކޮމެންޓް

-ފިރުޝާން ޔޫސުފް-

ބާޣީ ސަރުކާރުން މުޅިންވެސް ކުރަނީ ޤައުމު ހަލާކު ކުރުމުގެ މަސައްކަތޭ ބުނުމަކުން އެއީ ދޮގަކަށް ނުވާނެއެވެ. ދިވެހި ސިފައިން ލައްވާ މިހާރު އެމީހުން ދަނީ ރިސޯޓާއި ފިހާރައާއި ބޭކަރީ އާއި ކަޑަތައް ހިންގުމަށް މަސައްކަތް ކުރަމުންނެވެ.

ސަބަބުތައް ވަރަށް ސާފެވެ. ރާއްޖެއަކީ މިވަގުތު މިލިޓަރީ ވެރިކަމެއް ކުރަމުންދާ ޤައުމަކަށް ވެފައި، މިލިޓަރީގެ އިސް މީހުން މުއްސަނދިކޮށް ކޮރޮޕްޓް ކުރުވައި ހެދޭނީ ވިޔަފާރީގެ ތެރެއިން ކަމަށް ވާތީއެވެ. މިލިޓަރީ ވެރިކަމެއް ދެމެހެއްޓުމަށްޓަކައި ސިފައިން ތެރޭގައިވެސް ނުފޫޒު ގަދަ ބަޔަކަށް ހެދުމަކީ މުހިއްމު ކަމެއް ކަމުގައި މިލިޓަރީ ޑިކްޓޭޓަރޝިޕް އޮންނަ ތަންތަނުގެ ވެރިން ދެކޭތީއެވެ.

ކޮންމެ ގޮތެއްވިޔަސް މިއަދަކީ ތާރީހީ ދުވަހެކެވެ. ފުރަތަމަ ފަހަރަށް ރާއްޖޭގެ ސިފައިން ވިޔަފާރި ކުންފުންޏެއް ރަޖިސްޓްރީކޮށް ފުޅާދާއިރާއެއްގައި ރާއްޖޭގެ ވިޔަފާރީގެ ތެރެއަށް ވަންނާނެ ކަމަށް އިއުލާން ކުރި ދުވަހެވެ. ރާއްޖޭގެ ރައްޔިތުންނަށާއި އަދި ގިނަ ސިފައިންނަށްވެސް މިއީ ވަރަށް އައުކަމެކެވެ. އެހެން ކަމުން ގިނަބަޔަކަށް މިކަމުގެ ފަހަތުގައިވާ ނުރައްކާތެރި މެސެޖު އޮޅުން ފިލާފައި އޮތުމަކީވެސް ދުރުކަމެކެވެ.

ޤައުމެއްގެ ވިޔަފާރީގައި މިލިޓަރީ ނުވަތަ ސިފައިންގެ ދައުރު އެންމެ ބޮޑު އެއް ޤައުމަކަށް ޕާކިސްތާން ވެއެވެ. އެޤައުމުގެ ސިފައިން ސިމެންޓް ފެކްޓަރީ ހިންގައެވެ. އަންނައުނާއި ކޯން ފްލޭކްސްވެސް ވިއްކައެވެ. ޕާކިސްތާން މިލިޓަރީގެ ވިޔަފާރީގެ އަގު 10 ނުވަތަ 20 ބިލިއަނަށް އަރާކަމަށް ރިޕޯޓުތައް ބުނެއެވެ. ޕާކިސްތާނުގެ އަމިއްލަ ވިޔަފާރިތައް ކުރިއަރައި ދިއުމަށް ދިމާވާ އެންމެ ބޮޑު ދައްޗަކީވެސް އެޤައުމުގެ ސިފައިން މާބޮޑަށް ވިޔަފާރިތަކުގެ ތެރޭގައި އުޅޭ އުޅުމެވެ. އެމީހުން ނުފޫޒު އިންތިހާއަށް އިތުރު ވުމެވެ.

މީގެ އިތުރުން، ވަރަށް މަދު ޕްރައިވެޓް ވިޔަފާރި ތަކަކަށް ނޫނީ ސިފައިންގެ ވިޔަފާރި ތަކާ ވާދަކޮށެއް ނުލެވެއެވެ. ސިފައިންގެ ވިޔަފާރިތައް ކުރުމަށް ބޭނުންވާ ވެހިކަލްތަކާއި މީހުން ހޯދާކަށް ނުޖެހެއެވެ. އަދި، ވިޔަފާރި ކުރުމަށް ބޭނުންވާ ބިންތަކާއި ހުއްދަތައް އަމިއްލަ ވިޔަފާރި ވެރިންނަށް ވުރެ ހެޔޮ އަގުގައި ފަސޭހަ ކަމާއެކު ސިފައިންނަށް ލިބެއެއެވެ. މީގެ އިތުރުންވެސް އެތަކެއް އިނާޔަތްތަކަކާއި ފަސޭހަތަކެއް ސިފައިންގެ ވިޔަފާރިތަކަށް އޮތުމުގެ ނަތީޖާއަކަށް ވަނީ އަމިއްލަ ވިޔަފާރިތަކަށް ވާދަނުކުރެވި ބަގުރޫޓުވުމެވެ.

ޕާކިސްތާނުގެ ސިފައިން އެޤައުމުގެ ވިޔަފާރީގައި ނުޒޫޒު ގަދަވުމުގެ ނަތީޖާއަކަށްވީ އެޤައުމުގެ ޖެނެރަލުންނަކީ ސިޔާސީ ގޮތުންވެސް ބާރުހުރި ބަޔަކަށް ވުމެވެ. މާނައަކީ ސިފައިންގެ ނުފޫޒު ރައްޔިތުންގެ ވެރިކަމުގެ ތެރެއަށް އިންތިހާއަށް އޮތުމެވެ. ރައްޔިތުންގެ ބާރު އެޤައުމުގެ ވެރިކަމުން ކުޑަވެގެން ދިއުމެވެ.

Military Inc. – Inside Pakistan’s Military Economy

ޕާކިސްތާނަކީ އެޤައުމެއްގެ ވެރިކަން އެންމެ ގިނައިން ބަދަލުވާ އެއްޤައުމެވެ. ރައްޔިތުން ހޮވާ ސަރުކާރަކަށް މާގިނަ ދުވަހަކު އެޤައުމުގެ ވެރިކަމުގައި އޮވެވޭ ކަމަމަށް ނުވެއެވެ. ސަބަބަކީ ރައްޔިތުން ހޮވި ކަމުގައި ވިޔަސްވެސް، އެޤައުމުގެ ސިފައިން ގަޔާނުވާ ސަރުކާރުތަކަށް އެއްބާރުލުން ދިނުން ސިފައިން ހުއްޓުމާއި އަދި އެފަދަ ސަރުކާރުތައް ވައްޓާލުމުގައި މިލިޓަރީ ބައިވެރި ވުމެވެ.

ޕާކިސްތާނުގެ ސިފައިންގެ ބާރު އެޤައުމުގެ އެކިކަންތައްތަކުގެ ތެރެއަށް މާބޮޑަށް ވަނުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ އެޤައުމުގައި ރައްޔިތުންގެ ހަޤީޤީ ވެރިކަމެއް ދެމި އޮންނަން ޖާގާ ނެތުމެވެ. އަދި ޤައުމުގައި އަބަދުވެސް ސިޔާސީ ހަމަނުޖެހުން އޮންނަން ޖެހުމެވެ. ވެރިކަން އަބަދު ބަދަލުވާން ޖެހުމެވެ.

ރާއްޖޭގެ ވެރިކަން ފުލުހުންނާއި ސިފައިން ވައްޓާލުމުން އެންމެ ފުރަތަމަ އެކަމާއި މެދު ހިޔާލު ފާޅުކޮށް އިންޒާރު ދިނީވެސް ޕާކިސްތާނުގެ މަދަނީ ޖަމިއްޔާތަކުން ރާއްޖެއަށް ހާއްސަކޮށްގެން ބޭއްވި ނޫސް ކޮންފަރެންސެއްގައެވެ.

Maldives headed for trouble… take it from us, we know! – Pakistani civil society activists

އެ ޖަމިއްޔާތަކުން ޖުމްލަ ގޮތެއްގައި ބުނެފައިވަނީ، ރާއްޖޭގައި ހިނގަމުންދާ ކަންތައްތައް މާކުރިންސުރެ ޕާކިސްތާނުގައި އެމީހުން ދަނީ ތަޖުރިބާ ކުރަމުން ކަމަށާއި، އެހެން ކަމުން އެކަމުގެ ހިތިކަން އިހްސާސް ކުރެވި އެފަދަ ގޮތެއް ދިވެހިންނަށް ވާން ބޭނުން ނުވާތީ އެއްޗެއް ނުބުނެ އެމީހުން ނުތިބެވުނީ ކަމަށާއި،  ރައްޔިތުންގެ ވެރިކަމެއް ސިފައިންނާއި ފުލުހުން ގުޅިގެން ވައްޓާލުމަކީ ޤައުމުގައި ދާއީމަށް ހަމަޖެހުން ޤާއިމުވެފައި އޮންނަ އޮތުމަށް އެޅޭނެ އެންމެ ބޮޑު ހުރަސް ކަމަށާއި، އެކަމުގެ ސަބަބުން ކޮރޮޕްޓު މަދު ބަޔަކަށް ނާޖާއިޒު ފައިދާއެއް ލިބުނު ކަމުގައި ވިޔަސް، ޤައުމުގެ ގިނަ ރައްޔިތުންގެ ހާލު އިންތިހާއަށް ދަށަށް ދާނެ ކަމަށާއި، އެހެން ކަމުން ޕާކިސްތާނުގައި ކަންތައް ހިނގާގޮތުން ފިލާވަޅު ލިބި ގަނެ، އެމަގުން ރާއްޖޭގެ އަޙުންނައި އުހުތުން ނުހިނގުމަށެވެ.

ނަމަވެސް، ރާއްޖޭގައި އުފެދިފައިވާ ބަޣާވަތުގެ ސަރުކާރުގެ ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން މިހާރު ދަނީ ސީދާ ޕާކިސްތާނުގައި ކަންކަން ހިނގަމުންދާ ގޮތަށް ރާއްޖޭގެ ކަންތައްތައް ތަރުތީބު ކޮށް ބަދަލު ކުރަމުންނެވެ. ސިފައިން ކުންފުނި ހަދައި ރިސޯޓު ހިންގުމަށާއި ފިހާރަ ހުޅުވުމަށް ހުއްދަ ނަގައި މުދަލަށް އޯޑަރު ކުރަން ތައްޔާރު ވަމުންދާއިރު،  އަބްދުﷲ ރިޔާޒު އިސްކޮށް ހުރެ ފުލުހުން ދަނީ އެމީހުންގެ ނުފޫޒު އިތުރު ކުރުމުގެ ގޮތުން އެކިއެކި ފަރާތްތަކާއެކު އެކި ނަންނަމުގައި އެމްއޯޔޫ ތަކުގައި ސޮއިކުރަމުންނެވެ.

ސިފައިންގެ ވާޖިބާއި މަސައްކަތަކީ ވިޔަފާރި ކުރުމާއި ކުޅިވަރު ކުޅުމާއި ރައްޔިތުންނަށް އަނިޔާވެރި ވުމެއް ނޫނެވެ. ޤައުމީ ދިފާއީ ބާރުގެ ނުވަތަ ސިފައިންގެ އެންމެ މައިގަނޑު މަސައްކަތަކީ ޤައުމު ދިފާއުކުރުމެވެ. ސިފައިންގެ ޤާނޫނަށް ބައްލަވާށެވެ. ހަމަ އެފަދައިން ފުލުހުން އެމީހުންގެ ވާޖިބު އަދާ ކުރުމަށް އެމްއޯޔޫ ތަކުގައި ސޮއިކޮށް ހަދާކަށް ނުޖެހެއެވެ. ފުލުހުންގެ ކުރަންޖެހޭ މަސައްކަތް ފުލުހުންގެ ޤާނޫނުގައި އެބަ ބުނެއެވެ. ފުލުހުންގެ މޮޓޯއިންވެސް އެނގެން އެބައޮތެވެ. ރައްޔިތުންނަށް ރައްކާތެރި ކަން ފޯރުކޮށް ޚިދުމަތް ކުރުމެވެ. އެކަން ކުރާކަށް ފުލުހުން އެމްއޯޔޫތަކުގައި ސޮއި ކުރާކަށް ނުޖެހެއެވެ. ފުލުހުން އުޅެން ޖެހޭ ގޮތް ނޫން ގޮތްގޮތަށް އުޅެ، އެމީހުން ނުފޫޒު މުޅި ޤައުމުގައި ވަކި ހިއްޕާލުމުގެ މަސައްކަތް ކުރަނީ ހަމައެކަނި ބަޣާވަތުގެ ސަރުކާރު ދެމެހެއްޓުގެ ބޭނުމުގައެވެ.

އެމްއެންޑީއެފް އިން ވިޔަފާރިތަކުގެ ތެރެއަށް ފުޅާދާއިރާއެއްގައި ވަންނާނެ ކަމަށް ފާޅުގައި ބުނެ އެކަން އިއުލާން ކުރުމަކީ އެކަމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުން ތަހައްމަލު ކުރަން ޖެހިދާނެ މުސީބާތް ތަކުގެ ބިރުވެރި ކަމާއި ނާމަން ކަމުން ފުރިފައިވާ ވާހަކައެކެވެ. މިކަމަކީ ރައްޔިތުން އެކަމާއި ދެކޮޅަށް ކޮންމެހެންވެސް ތެދުވާން ޖެހޭނެ ފަދަ ނުރައްކާތެރި ނަތީޖާތަކެއް ޤައުމަށް ވެރި ކުރުވާނެ ކަމެކެވެ.

19 ކިޔުންތެރިންގެ ޚިޔާލު

  1. ހަލީމު Reply

    August 8, 2012 at 1:57 am

    ދުރުވިސްނައިގެން ކުރާކަމެއްކުރުމަކީ މައްސަލައެއްނޫނެވެ. އެކަމަކު ސިފައިން ވިޔަފާރީގެ ތެރެއަށް ވަނުމަކީ ވަރަށް ބޮޑެތި އިޖްތިމާއީ މައްސަލަތަކަށް މަގުފަހިވެގެންދާނެ ކަމެކެވެ. ވިސްނާށެވެ. ކޮންމެގޮތެއް ވަރިހަމަވުން އެއީގޮތެއްނޫނެވެ. އެއީ އިންސާނިއްޔަތާހިލާފުކަމެކެވެ.

  2. މުސްތަފާ ތިމަރަފުށި Reply

    August 8, 2012 at 3:43 am

    ބާގީސަރުކާރުން ރާއްޖޭ ގެ މިލިޓަރީ އާއި ފުލުން ގެ މުއައްސަސާާ އައުޓްސޯސް ކޮށް ވަގުންނާ ހިންގަން ހަވާލު ކުރެވިފައި.

  3. މުހައްމަދު އަބްދުއް ރަހީމް (އާޓާ) Reply

    August 8, 2012 at 3:54 am

    ގޯސްވެގެން މިއުޅެނީ މަދުބަޔެއް. ދެންތިބި ގިނަމީހުންނަކީ ތެދުވެރިކަންމަތީ ތިބި ބަޔެއް. ޤައުމު ހަމަމަގަށް އެޅުވުމުގެ ޒިންމާ ހުރިހާރައްޔިތުންގެ ބޮލުގައި އެޅޭހިނދު އެކަމަށް އެންމެއިސްސަފުގައި ނިކުންނާނީ ސިފައިން. އެމީހުން ނިކުން

  4. ފަތިސްހަނދުވަރު Reply

    August 8, 2012 at 9:15 am

    މިއީ ހަގީގަތުގައިވެސް މިގައުމުގައި މިލިޓަރީ ވެރިކަމެއްގެ ފެށުން އިއުލާނުވެގެންދިޔަ ހިތާމަވެރި ދުވަހެވެ. ދެންފެންނާނީ ސިފައިންނާއި ފުލުހުން މުޅިގައުމުގެ މައިގަނޑު ބޮޑެތި އިގްތިޞާދީ ދާއިރާ ތަކުގައި ހަރަކާތްތެރިވާން ފެށިގެންދާނޭ މަންޒަރެވެ.

  5. ކުޑަ ކަމަނަ Reply

    August 8, 2012 at 9:24 am

    މިހާރު ތިޔަ ބައިގަޑާހެދި ބޮޑުބަލާއަކަށް މިގައުމަށް ވެއްޖެ، ހުރިހާ ސިފައިންނާ ފުލުހުންނަށް ހީވަނީ އެމީހުންނަކީ މާވަރުގަދަ މާގަދަރުވެރި ބައެއްހެން. އިރާދަކުރެއްވިއްޔާ އެހެނެއް ނުވާނެ. ވަރަށް އަވަހަށް އެމީހުންގެ އިނދަޖެހުން އަންނާނެ. މާތް ﷲ މިނުބައި މީހުންގެ ކިބައިން މިޤައުމު ސަލާމަތް ކުރައްވާދޭވެ.

  6. ގުލްފާމް ރ.އުނގޫފާރު Reply

    August 8, 2012 at 9:59 am

    ހަމަވަރަށް އިޙްތިރާމާއިއެކު ޗެކްބައުންސް ރިޔާޒަށާއި ރޭޕްކިންގ ނާޒިމަށާއި ބޮޑުޞަލީބު ޞިޔާމަށް ބުނަމެވެ. ޤައުމުގައި ޤާނޫނީ ވެރިކަމެއްނެތްޙާލުގައި މޮޔަވެގެން އުޅޭގެރިތަކެއް، އުޅޭހެން ހަމައެއްލަމައެއްނެތި ތިޔަތެޅިނަގަނީ ޢިލްމުގެ އެއްވެސް މިންވަރެއް ލިބިފައި ހަމަނެތީތޯއެވެ. ކްރިމިނަލްކޯޓާއިއެކު އެމް،އޯ،ޔޫ ގަސޮއިކޮށްފަ، ސްޕްރީމްކޯޓާއިއެކު އެމް،އޯ،ޔޫގަ ސޮއިކޮށްފައި ތެޅިއަރުވަނިކޮށް ދިގުމުއްދަތަކަށް ޖަލަށްދާން ގޮވާލީމަ މާތާހިރެއްނުވާނެއެވެ.

  7. ވީ ލަވް އަންނި Reply

    August 8, 2012 at 11:41 am

    ސިފައިންގެ އެކުވެރި ކުންފުންޏަކީ އެ ކުންފުނީގެ ފައިދާ މިވީހަތަނަށްވެސް އޭރަކު ސިފައިންގޭގައި ތިބި ބޮޑެތި މީހުންގެ ޖީބުތަކަށް ވަންނަމުން ދިޔައެވެ. ވިޔަފާރި ފުޅާވުމުން އަނެއްކާވެސް އެމީހުންގެ ޖީބަށް ވަންނަބައި ދާނީ ބޮޑުވަމުން ނެވެ.. ސިފައިންގެ ވެލްފެއަރއޭ ކިޔައިގެން ހުރިހާ ސިފައިންނަށް އޮޅުވާލަނީ އެވެ.

  8. ދާންދޫ ދާއިރާ Reply

    August 8, 2012 at 11:42 am

    ީބާޢީ ރިޔާޒާއި ބާޢީ ނާޒިމް ހީކުރަނީ ބޮޑެތި ކުންފުނިތައް ހަދައިގެން މާގިނަދުވަސްތަކެއް ވަނދެން ތިބެވިދާނެކަމައްތަ، އެ ބާޢީނައް އޮތީ ގިނަވެގެން 22 ދުވަސް މިގައުމު ދާވާލަން. ބާޢީނައް ދަންނަވަން އޮތީ ރައްޔިތުން ހަނާކޮއްލަން ނޫޅުއްވާށޭ. ރައްޔަތުން ނިކުމެ ކޮންމެ ފަދަކަމެއްވެސް ކޮއްފާނޭ.

  9. ލަވް ޑިމޮކްރަސީ/ހުޅުދުއްފާރު Reply

    August 8, 2012 at 12:53 pm

    އަނިޔާވެރިކަމަށް ހިއްވަރުދީ އަދި އަނިޔާކުރުމަކީ އަހަރެން ތަރުޙިބުދޭ ކަމެއްނޫނެވެ. އެކަމަކު ބަޣާވާތްކުރި ސެއިޚުންނާއި ފުލުހުންނާއި ސިފައިންނަށް، ވަކިންޚާއްޞަކޮށް ކުފުރު މަހުޖަނުންނަށް “ބާޣީ” އޭ ގޮވާލުމަކީ ވަރަށް އުފާވާ އަދި ހަމަ އެހެންމެ ދަރުމަހުރި ކަމެއްވެސް މެއެއވެ. އަހަރެމެންނަކީ މުސްލިމުންކަމުގައިވީތީވެ، އެބައިމީހުން އެކަމަށް އެއްބަސްވެއްޖައުމަށް ދާންދެން ނުވަތަ އެކަމުގެ ޙައްޤު އަދަބު ލިބިއްޖައުމަށް ދާންދެން މިބައިމީހުން ފަޟީޙަތްކުރަންޖެހެއެވެ. ރަމްޟާންމަހު ރޯދަހިފާ ނަމާދުކޮށް މިއުޅެނީވެސް ދަރުމަޔާއި ސަވާބުހޯދުމަށެވެ. ބަޣާވަތްކޮށް އެކަމަށް އިންކާރުކޮށްގެން (ތައުބާނުވެތިބެގެން) ކޮންފައިދާއެއް ހޯދަންތޯއެވެ. އިލްޔާސް އާއި ސަހީމާއި ޢިމްރާނަކީ ސުވަރުގޭގެ ބަނޑޭރިންކަމަށް އަމިއްލައަށް ހެދިގެން އުޅުނަސް…. ސަހަރޯއެވެ. ޢިލްމުވެރިޖާހިލުންނަކީ ހާދަ ނުރައްކާ އަނިޔާވެރި ބައެކެވެ.

  10. ަަަައަލީ އައުފް Reply

    August 8, 2012 at 1:10 pm

    ޕާކިސްތާނައް ވީގޮތައް މިދިވެހި ގައުމައް ވިޔަ ދީގެން ނުވާނެ..ބާޤީންގެ ކިބައިން މި ގައުމު ސަލާމަތް ކުރަން ކުރަންޖެހުނު ކޮންމެ ކަމެއް ކުރަން މިތިބީ ތަޔާރައް…

  11. އާދު Reply

    August 8, 2012 at 4:57 pm

    ކޮންމެ މީހަކުވެސް ސިފައިންގެ ކަންތަކާއި ހަވާލުވެފަ ބުނާނެ ވެލްފެއަރ ކަންތައް ރަނގަޅުކުރާނަމޭ އެކަމު ވާކަމެއް ހަރާން. ތި ގޮތަށް ވިޔަ ފާރިކުރަން ތި އުޅޭނީ ސިފައިންގެ ވެރިންގެ ޖީބް ބޮޑުކުރަން

  12. ޚާލިދު ބިން ވަލީދުް Reply

    August 8, 2012 at 5:26 pm

    ބާޣީން ނަށް އޮތީދެން ހަމަ ކޮންމެ ދިމާލަކުންވެސް މާޔޫސްކަމާއި އެކަނިވެރިކަމެވެ…
    ބާޣީންގެ ފަހުދުވަސްތައް މިހާރު މިދަނީ ގުނެމުންކަން ހަނދާން ކުރާށެވެ…
    ބާޣީ ނާޒިމް،ބާޣީ ޢަބްދުﷲ ރިޔާޒު،ބާޣީ އެފްއޭ ފަޔާޒް،ބާޣީ ޢުމަރު ނަސީރު،ބާޣީ ފަހަރި ބިން ޢިމްރާން،ބާޣީ ސަހީމް،ބާޣީ ބުރުމާ ގާސިމް،ބާޣީ މައުމޫން އ.ގައްޔޫމް،ބާޣީ ޔާމީން އ.ގައްޔޫމް،ބާޣީ އިލްހާމް،ބާޣީ ނިހާން،ބާޣީ މަހުލޫފް،ބާޣީ ރިޔާޒް ރަސީދު،ބާޣީ ވަހީދު،ބާޣީ ވަހީދުއްދީން،ބާޣީ އައްބާސް އާދިލް ރިޒާ… މިއިން އެއްވެސް ބާޣީ އަކަށް ދިވެހި ރައްޔިތުންގެ މެޖޯރިޓީގެ މަޢާފެއް ނެތް!!
    ސީދާ ޢުމުރައް ޖަލައް ނުވަތަ މަރު!!!

  13. ަަިިިަަަަަަަައިބްނި ބަތޫތާ Reply

    August 8, 2012 at 11:21 pm

    ބާޢީ ސިފައިން ކުރަންއުޅޭ ވިޔަފާރީގެ މަށްވަރާތައް ބަަާޢީ ބޭބީ އަދީބު ހުވަފެންފުށި ރިޒޯޓުގައި އިންޑިއަަާ ވިޔަފާރި ވެރިއަކާ އެއްކޮށް މިހާރުވެސް ކުރިއަށް އެބަދޭ.. ބެޭބީ އަދީބު ރާ ބޮއެގެން ރަޟިއާ އަންހެން ކުއްޖަކަަާ އެއްކޮށް ނަށަމުން އެބަދޭ…

  14. ހުސައިން Reply

    August 9, 2012 at 12:59 pm

    ޤައުމުގެ އެންމެ ވަރުގަދަ ބާރަކީ އެގައުމެއްގެ ރައްޔިތުން، ހަވަރު ނުކުތީމަ ކުރެވޭނެ ހަމަ އެއްކަމެއްވެސް ނޯންނާނެ، ބޭނުންވަނީ ކެރުން، މީ ނުހުއްޓުވޭވަރު ކަމެއްނޫން، ވަކި ހިސާބަކުން ވަހީދު އިސްތިއުފާ ދެއްވާނެ، ތެން އިންތިހާބު ބޭއްވި ރައްޔިތުންގެ ވެރިކަން އެނބުރި އަންނާނެ، ބޭނުންވަނީ ހުރިހާ ރައްޔިތުން އެއްފަހަރާ ހަރަކާތައް ނިކުތުމަށް މާލެ ދިއުން. ދެން ކެރެންޔާ ސިފައިންނާ ޕޮލިހުން ބަޑިޖަހާ، އަޅުގަނޑަށް ކަށަވަރުވޭ ރައްޔިތުން ގަޔަށް ބަޑިޖަހާ އެންމެން މަރަން އެބޭފުޅުން ފަހަތަށް ޖެހޭނެކަން. އެބޭފުޅުން ދަންނަ ގާތް ކިތަންމެ ބަޔަކު ތިބޭނެ، ބަޣާވާތާ ދެކޮޅަށް ނިކުމެ، މިއީ ޕާކިސްތާނެއްނޫން، މިދައްކަނީ ދެ ކިލޯ މީޓަރުވެސް ހަމަނުވާ މާލޭގަ ހިނގާނެ ކަންތައް، ހަމަ ފުކެއްވެސް ދޫ ދޭނެކަމެއްނެތް..

  15. މުޙައްމަދު Reply

    August 9, 2012 at 3:01 pm

    ދިވެހިން ހޭލަންވެއްޖެކަން ކަށަވަރުވެއްޖެއެވެ. އެހެނީ މިކަމަކީ ޕާކިސްތާނުގެ ދަންޖެއްސި ބޮޑުވަޒީރު ޒުލްފިޤާރު ޢަލީ ބުއްޓޫގެ ސަރުކާރު ވައްޓާލައި، ޖެނެރަލް ޒިޔާގެ މިލިޓެރީވެރިކަމުގައި އެމީހުން ދެކެފައިވާ، ނުރައްކާތެރިކަމެކެވެ. މިކަން ރާއްޖޭގައި ހިނގައިފިނަމަ އެޖެހުނީ ސިއްކައެވެ. މިއީ ވަރަށްވެސް ބިރުވެރިކަމެކެވެ. އަދި އެހާމެ ހެއްވާކަމެކެވެ.

  16. އަލީ Reply

    August 9, 2012 at 5:55 pm

    ސިފައިން ކުރަން އޮއްނާނީ ކޮނ ވިޔަފާރިއެއްތޯ ވިސްނާލާއިރު ބަެއްގެ މުދަލާއި ގެދޮރު ވޮޗް ކޮށްދިނުން ފަދަ ކަމެއް ނޫނީ ދެން ކުރެވޭނީ ކޮނ އިތުރު ކަމެއްބާއޭ ހިތަށް އަރާ. ސިފައިންގެ ހިއްސާ ހިމެނޭ ވިޔަފާރި އެސް. އީ. ކޭ. ގެ ނަމުގައި މިހާރު ވެސް އެބަ ހިނގަމުންދޭ. ކުއްޔަށް ސިފައިންނާއި ހަތިޔާރު ފައިސާ ވެރިންނަށް ދިނުމަކީ ވެސް ކުރެވިދާނެ ވިޔަފާރިއެއް ކަން ގަބޫލު ކުރެވޭ. ވިސްނޭގޮތުން ސިފައިން ކުރަން ބޭނުން ވެގެން މި އުޅޭ ވިޔަފާރިއަކީ މި ބުނެވުނު ވިޔަފާރި ކަމުގަި ވަރަހ ބޮޑަށް ވިސްނޭ. އެހެން ކަމަށް ވާނަމަ ރާއްޖޭގައި ކޮނމެ މީހަކަށް ތިމާދިފާޢު ވުމަށް ބޭނުންވާ ހަތިޔާރު ގެންގުޅުމުގެ ގާނޫނީ ހުއްދައެއް އޮއްނަން ޖެހޭނެ.

  17. ކާކާ!!!! Reply

    August 12, 2012 at 11:44 am

    ހެހެހެހެހޭޭޭޙެެެެ!!!!!!!!!!!!!

  18. ވީ ލަވް ޑިމޮކްރަސީ/ ހުޅުދުއްފާރު Reply

    August 17, 2012 at 2:02 pm

    އަބުދުﷲ ރިޔާޒާއި ނާޒިމަށް ކަޑައަޅަންޖެހޭ ޖަލު ޙުކުމުގެ މުއްދަތު ވަޒަންކުރުމަށް ފުރުސަތު ހުޅުވާލަމެވެ. ރަގަޅު ޖަވާބު ދިންފަރާތަކަށް އޭ ކޭ 47 މަރުކާގެ ބަޑިއެއް (ބޭނުންކުރުމުގެ ހުއްދައާއިއެކު) …..

  19. މައްކު Reply

    August 21, 2012 at 1:22 am

    ފުލުހުންނާއި ސިފައިންނޭވެ. ނާޒިމަކީ މަކަރާއި ހީލަތުން އަބަދުވެސް އުޅެމުންދާ ހިޔަޅެއް. އޭނާގެ ބަހަށް އެއްވެސަް ގޮތަކުން ނެހެއްލޭތި. އޭނާގެބޭނުމަކީ ކޮއްފައިވާ ޖަރީމާ ކޮއްޅަށް ޖަހަން. ސިފައިންނަށް 500 ފުލެޓެއްނޫން 50000.00 ފްލެޓް އޭނައަށް ދެވޭނީ. އޭނާ އަކީ ސިފައިން ހައްދައިގެން އަބަދުވެސް އުޅޭމީހެއް. މިހާރުވެސް ސިފައިން ޑިމޮރަލައިސްވާން ފެށުމުން އޭނާވަނީ އެމީހުންގެ މޮރާލްހައިކުރަން ތަރިބާލަދޭންފަށާ ފައެވެ. މީއަސްލަކީ ވެރިކަން މުށުތެރޭ ބޭއްވުމަށް ނިކަމެތި ސިފައިން ލައްވާ އިތުރަށް ގޯސްހެއްދުން. މިކަން ރޭވީވެސް ޓޫ ޓޫ އާއި ނާޒިމް. އެހިސާބުން ބަޢާވާތް އެގްޒެކިއުޓް ކުރެވެމުން އައީ.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>