މިގައުމުގެ ޒަމީރު މަރުވީބާވައެވެ؟

10 މޭއި 2012 09:59 | 0 ކޮމެންޓް

މިދިވެހިގައުމަކީ ތިންލައްކަ އެތަކެއް ރައްޔިތުންގެ މިލްކެކެވެ. މިރާއްޖޭގެ ބިމާ، އޮޔާ، ވަޔާ އަދި މިރާއްޖެއިން ލިބޭ އެންމެހައި ފައިދާތަކަކީ ދިވެހިންގެ ހައްގެކެވެ. 
މިހައްގުތަށް ހޯދައިދީ ހެޔޮގޮތުގައި ރައްޔިތުންނަށް އެތަކެތި ފޯރުކޮށްދިނުމަށްޓަކައި ރައްޔިތުން އެމަސްއޫލިއްޔަތު ހަވާލުކުރަނީ ސަރުކާރުކިޔާ މުއައްސަސާއަކަށެވެ. ސަރުކާރެއްގެ އެންމެ އިސްވެރިޔަކީ ރައީސުލްޖުމްހޫރިއްޔާއެކެވެ. ކޮންމެ ފަސްއަހަރަކުން އެއްފަހަރު ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަންފެންނަ މީހަކު ހޮވަނީ ރައްޔިތުންގެ ސީދާ ވޯޓަކުންނެވެ. 2008 ވަނަ އަހަރާއި ހަމަޔަށް ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ގޯސްވެގެން، ގާނޫނުއަސާސީ އިސްލާހުކޮށް ، ގަބުޅިކަތީބުންނަށް ވޯޓުފޮށިނުފެޅޭގޮތަށް، ސަރުކާރުންބޭރުން، މިނިވަން މުސްތަގިއްލު އިލެކްޝަންސް ކަމިޝަނެއް އެކުލަވާލައި، އެ ކަމިޝަންގެ ބެލުމުގެދަށުން މިނިވަން މުސްތަގިއްލު އިންތިޚާބެއްބޭއްވި ރައީސުލްޖުމްހޫރިއްޔާއަކު ރައްޔިތުންގެ ވޯޓުން ހޮވިއެވެ. 
ދިވެހިން އުންމީދުކުރީ އުޖާލާފަތިހަކަށެވެ. ތަރައްގީގެ މަޝްރޫޢުތައް ފެއްޓިގެންދިޔައެވެ. ރައްޔިތުން އިންތިޚާބުކުރި ރައީސުލްޖުމްހޫރިއްޔާ ގ، ކެނެރީގޭ މުޙައްމަދު ނަޝީދު ރިއާސަތަށް ކުރިމަތިލެއްވީ، ދުނިޔޭގެ އެހެންގައުމުތަކުގައިވެސް ވެރިކަމަށް އައުމަށްޓަކާ ތައްޔާރުކުރާފަދަ މެނިފެސްޓޯއަކާއެކުގައެވެ. އެމެނިފެސްޓޯގައި އޮތީ ފަސްއަހަރު ދުވަހުގެތެރޭގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށާއި، ބޭސްފަރުވާޔަށް ސަލާންޖެހުން ނައްތާލުމަށާއި، އުމުރުންދުވަސްވީ މީހުނާއި، އެކަނިވެރިމައިންގެ ހިތާމަތައް ހައްލުކޮށްދިނުމަށާއި މިކަހަލަ ކިތަންމެ ކަމެކެވެ. 
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އޭނާގެ ވައުދުތައް ފުއްދައިދިނުމުގައި ހޭބޯނާރާ ރެޔާދުވާލު ތަރައްގީގެ މަސައްކަތްތައް މެކުހަށް ޖައްސަވައިގެން އުޅުއްވަމުން ދިޔައިރު، ސިޔާސީ ފަރުދާގެ ފުރަގަހުގައި، މިގައުމުގެ ކުރީގެ ސިޔާސީ ބޮޑުބޮޑަތިންނާއި މަހުޖަނުން ގުޅިގެން ބަޣާވާތެއް ރާވާނެކަމުގެ ޚިޔާލެއް އެއްވެސްމީހެއްގެ ހިތަކަށްވެސް ނާދެއެވެ. ދިވެހިރައްޔިތުން ހީކުރީ މިއީ ގާނޫނީގޮތުން އިންތިޚާބުކުރެވިފައިވާ ރައްޔިތުންގެ ވެރިކަމަކަށްވާތީ، ވެރިކަން ދެން ބަދަލުވާނީ ގާނޫނުގައިވާގޮތަށް ފަސްއަހަރުފަހުން އަނެއްކާވެސް ރައްޔިތުންގެ ވޯޓަކުން ކަމަށެވެ.
ނަމަވެސް ސަހަރޯއެވެ! ރާއްޖޭގައި ކުރިންވެރިކަންކުރައްވައި ވެރިކަމުގެ ފޮނިކަންލިބިފައި ތިބިމީހުނާއި، ގައުމުގެ މުއްސަނދިކަމުން ފައިދާތައް ހޯދަމުންދިޔަ މަހުޖަނުން، ރާވަމުންގެންދިޔައީ މިގައުމުގެ ސިފައިންނާއި ފުލުހުންގެ ބަޔަކު ހައްލައިގެން ” ކޮންމެގޮތަކުންވިޔަސް ” މިގައުމުގެ ވެރިކަން އަނބުރައި އެމީހުންގެއަތަށް ގެނައުމުގެ މަސައްކަތެވެ. އާޚިރުގައި އެކަން 7 ފެބްރުއަރީ 2012 ވަނަދުވަހު، ދިވެހިރައްޔިތުން އިންތިޚާބުކުރި ރައީސުލްޖުމްހޫރިއްޔާއަށް މަޖްބޫރުކޮށްގެން ވެރިކަމުން ދުރުކުރީ ބަޣާވާތަކުން ދިވެހިރައްޔިތުންގެ ލޯމަތީގައި ޓީވީތަކުންނާއި ރޭޑިޔޯތަކުން ވަގުތުން ގެނެސްދެމުންނެވެ. ސުވާލަކީ ކެނެރީގެ މުހައްމަދު ނަޝީދެއްނޫނެވެ. ސުވާލަކީ ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކުރި ވެރިއަކު ރައްޔިތުންގެ ބަހެއްނެތި ވެރިކަމުންދުރުކޮށް ރައްޔިތުންއަތުން ރައްޔިތުންގެވެރިކަން ފޭރިގަތުމެވެ! މިއީ ކިހައިވަރެއްގެ ސީރިއަސް އަދި ހިތާމަވެރިކަމެއްކަން ވިސްނެނީ މިގައުމުގެ ކިތައް ރައްޔިތުންނަށް ބާވައެވެ؟ މިހާރުމިވީގޮތުން ވެރިކަމަކީ ރައްޔިތުން ދޭކަމެއްނޫނެވެ. ސިފައިންނާ ފުލުހުންގެ ބަޔަކު ދޭކަމެކެވެ. އެންމެ ހައިރާންވާކަމަކީ ސިފައިންނާ ފުލުހުންނަކީ ރައްޔިތުން ކާންދީބޯންދޭ ޚާދިމުންތަކެކެވެ. ސިފައިންނާއި ފުލުހުންނަށް މިކަންއޮޅުނީ ނުވަތަ ސިފައިންނާއި ފުލުހުންގެތެރެއިން ބަޔަކަށް މިމާތް މަގްސަދު އޮޅުވާލީ ކޮންބައެއްބާވައެވެ؟ 
ރައްޔިތުންގެ ވެރިކަން ބަޣާވާތަކުން ފުރޮޅައިލުމަށްފަހު މިއަދު ގައުމަށް ވަމުންދާގޮތްބަލަނީ ނުވަތަ އެކަމާވިސްނަނީ ކިތައް ރައްޔިތުންބާވައެވެ؟ މިހާރު މިފެންނަނީ ގައުމުގެ ވަޒީފާތަކާ، ރައުސްމާލުތައް، ބައެއްގެ މެދުގައި ” އެއްމެދު މުދާބަހާހެން” ބަހަމުންދާ މަންޒަރެވެ! މިއީ ކާކުގެ މުދަލެއްތޯއެވެ؟ ރައްޔިތުންގެ މުދާތައް ސިޔާސީޕާޓީތަކެއް ހަދައިގެންތިބި ބައެއްގެމެދުގައި ބަހާލަން ހުއްދަދިނީ ކާކުބާވައެވެ؟ ގައުމުގެ ބޮޑުބޮޑަތިންގެގޮތުގައި ތިބިމީހުނާއި ގައުމުގެ މަހުޖަނުންގެ ޒަމީރު ކޮބާބާވައެވެ؟ މިމަންޒަރުބަލަން ދިވެހިރައްޔިތުން ކެތްތެރިކަމާއެކު ތިބޭތީ ހާދަހާދެރައެވެ! ދިވެހިންނަށް އެމީހުންގެ ހައްގުތަށް ނުއެނގެނީބާވައެވެ؟ ނުވަތަ އެމީހުން އެގޮތް ގަބޫލުކުރަނީބާވައެވެ؟ ނުވަތަ ދިވެހިން މިތިބީ ޣާފިލުވެފައިބާވައެވެ؟ ދިވެހިރައްޔިތުންނަކީ މިހައި ދޯދިޔާ ވިޔާނުދާ ނުކެރޭ ގީދަޅުބަޔަކީބާވައެވެ؟ އަޅުގަނޑުވާހަމަ އަޖައިބުން އަޖައިބު ވެއްޖައީމެވެ.
ރައީސްނަޝީދު ވެރިކަމަށް ރައްޔިތުން އިންތިޚާބުކުރީ އެއީ ކެނެރީގޭ މުހައްމަދު ނަޝީދަށް ވިޔަތީކީނޫނެވެ. ރައްޔިތުން ވޯޓުދިނީ 2008 ވަނައަހަރުގެ ނޮވެމްބަރ 11 އިން ފެށިގެން ކުރިއަށްއޮތް ފަސްއަހަރުދުވަހު ދިވެހިންނަށް ކުރި ފަސްވައުދު ރަގަޅުވެގެންނެވެ. ދިވެހިރައްޔިތުން ބޭނުންވީ އެމީހުންނަށް ތަރައްގީގެ ކަންކަންކޮށްދިނުމެވެ. ދެން ސުވާލަކީ ރައީސްނަޝީދު ވެރިކަމުން ދުރުކުރުމާއެކީ ރައްޔިތުންގެ ތަރައްގީގެ މަސައްކަތްތައްވެސް ހުއްޓުނީތޯއެވެ؟ ރައީސް ނަޝީދުގެ ސަރުކާރަކުން ގައިމު ލާރިއެއްނުޖަހައެވެ. ރައްޔިތުންނަށް ބޯހިޔާވަހިކަމާ، އާސަންދަޔާ ކަންކަން ފޯރުކޮށްދިނީ ހަމަ މިދިވެހިދައުލަތަށް ލިބުނު ފައިސާއިންނެވެ. އޭރު ލިބުނު ފައިސާ މިހާރު ނުލިބެނީ ކީއްވެގެންބާވައެވެ؟ މިހާރުވެސް ރައްޔިތުން ޓެކްސްވެސް ހަމަދަނީ ދައްކަމުންނެވެ. ރިސޯޓުތަކުން ކުލިވެސް ނަގައެވެ. ކުރިން ނަގަމުންދިޔަ އެއްވެސް ފީއެއް، ވަރުވާއެއްވެސް އަދި ހަމަގައިމު ހުއްޓައެއްނުލައެވެ. މިސުވާލު ދިވެހިރައްޔިތުން ނުކުރަނީ ކީއްވެގެންބާވައެވެ؟ ދިވެހިންނަކީ ލިބޭއެއްޗެއް ލިބިގަންނަ، ނުލިބުނަސް ވަރިހަމަ ބަޔަކީބާވައެވެ؟ 

މިހާރުމިފެންނަނީ ކުރިން ދިވެހިންނަށް ކަމުނުދިޔަ މީހުން އަލުން ސަރުކާރުގެ ވަޒީފާތަކަށް އައްޔަންކުރެވޭ މަންޒަރެވެ. ހީވަނީ މިގައުމަކީ ބައެއްގެ މުދާގަނޑެއްހެންނެވެ. އެޕާޓީއަށް އެބައި މިޕާޓީއަށް މިބައި، މިއުސޫލުން ގައުމުގެ ރައުސުލްމާލު ، ސިޔާސީ މަދުބައެއްގެމެދުގައި ރޯމާދުވާލުގެއަލީގައި ބަހަމުންދަނީއެވެ. މިގައުމަށް މިދިމާވެގެން މިއުޅޭ ހިތްދަތިކަމާމެދު ވިސްނާބަޔަކު މިގައުމުގައި ނެތީބާވައެވެ؟ ގައުމެއްގެތެރޭގައި ހިނގާ ވިޔާނުދާކަންކަން އެބަޔަކު އަމިއްލަޔަށް ބަދަލުކުރަން ނޭދޭހިނދެއްގައި ﷲތަޢާލާ އެބައެއްގެ އެހާލަތު ބަދަލުނުކުރައްވާނެކަމަށް ކީރިތިގުރްއާނުގެ ވަހީބަސްފުޅުގައިވެއެވެ. ދިވެހި މުސްލިމް ފަރުދުންގެ ޒަމީރުތައް މަރުވީ ބާވައެވެ؟ ހާދަހާދެރައެވެ! ދިވެހިންނަކީ އެބުނާ، ސިކުނޑިހުއްޓަސް ނުވިސްނޭ، ލޯހުއްޓަސް ނުފެންނަ، ކަންފަތްހުއްޓަސް އަޑުނުއިވޭ ނަޢަމްސޫފިތަކަކަށް ވެގެންދިޔައީބާވައެވެ؟.. ބޮޑަށް ދެނެވޮޑިގެންވަނީ ﷲ އެވެ!

0 ކިޔުންތެރިންގެ ޚިޔާލު

  1. ސަމާ Reply

    May 10, 2012 at 8:38 am

    މައުމޫނާ އޭނާގެ އައުވާނުންގެ ނުބައި ނުލަފާކަން ދިވެހިރައްޔިތުންނަށް ނޭނގެނީބާވައެވެ؟! އޭނާގެ ކޮއްކޮ ޔާމީނަކީ ބޮޑު ގޭންގް ސްޓާރެކެވެ. އެކަމަކު އެހެރީ ޢިއްޒަތްތެރި މަޖްލީހުގެ ގޮނޑިއެއްގައެވެ. ދެންއެހެރީ ޖަނގިޔާ ނާޒިމެވެ. އެއަށްވުރެ ވަކިންބޮޑު ނުބައި ނުލަފާ މީޙަކު ޤާރޫނު ފިޔަވާ ނުހުންނާނެއެވެ. އެއިނީ ޢިއްޒަތްތެރި މަޖްލީހުގެ ގޮނޑިއެއްގެ އިތުރުން އެޢިއްޒަތްތެރި މަޖްލީހުގެ ނާއިބް ރައީސަކަށްވެސް ހޮވިގެންނެވެ. ވިޔަފާރީގެ ނަފާ ނާޖާއިޒްގޮތުގައި ހޯދާ މަކަރާ ހީލަތާ އޮޅުވާލުމުން ވިޔަފާރިކުރަމުންދާ މިޖަނގިޔާ ނާޒިމަކީ މާލިއްޔަތު ކޮމެޓީގެވެސް ރައީސެވެ! ދެން މިޤައުމުގައި ހުރި އެންމެ ބޮޑުވަގު ރެޑްވޭވް ސަލީމުވެސް ހަމަ އެއިނީ އެޢިއްޒަތްތެރި މަޖްލީހުގައެވެ! ހަމައެފަދަ ދެވަނައެއްނުވާ ލޮލީ ޖާބިރުވެސް އެއިނީ ހަމަ އެޢިއްޒަތްތެރި މަޖްލީހުގައެވެ! މިފަދަ އެތައް ވަގުންނެއް ދިވެހިރާއްޖޭގެ ޤާނޫނު ހަދާ މަޖްލިސްތަކުގައި ތިބިއިރު، ކޯޓްތަކުގައި ތިބި ގިނަ ޤާޟީންނަކީވެސް މިފަދަ މީސްމީހުނެވެ. ދެންފަހެ މިޤައުމުގެ ޙާލަތު ރަނގަޅުވާނީ ކޮންފަދަ އަކުންހެއްޔެވެ؟ އަޅުގަނޑުމެންގެ ޤާނޫނު ހަދާ މަޖްލީހަށް މިފަދަ ބޮޑެތި ޣައްދާރުންނަށް ވަދެވިފައި އެތިބީ ރައްޔިތުންނަށް ހަމަނޭނގޭތީހެއްޔެވެ؟ އެމީހުންގެ ނިކަމެތިކަމާ ފަޤީރުކަމުން ބަޔަކު ނާޖާއިޒް ފައިދާ ނަގައިގެންކަމާ މެދަކު އެއްވެސް ޝައްކެއްނެތެވެ. ލޮބުވެތި ދިވެހި ރައްޔިތުންނޭވެ. ވިސްނާށެވެ. އަތުންފައިން ގޯސް ނަހަދާށެވެ. އަރެމެންގެ ދަރިންނާ ދަރިންގެ ދަރިންގެ މުސްތަޤްބަލަށްޓަކައި މިޤައުމު ހިންގަން ތެދުވެރި އިޚްލާސްތެރި ރައްޔިތުންދެކެ ލޯބިވާނެ ވެރިން އިޚްތިޔާރު ކުރަމާތޯއެވެ. މައުމޫނާ އޭނާގެ ބައިވެރިންގެ ކިބައިން މިޤައުމާ މިޤައުމުގެ ރައްޔިތުން ސަލާމަތްކުރައްވާނދޭނވެ. އާމީން.

  2. އަޒޫ Reply

    May 10, 2012 at 9:25 am

    ހަމަގައިމުވެސް އަހަރެން ވިސްނާމެވެ، މިކަމާދޭތެރޭ ވިސްނާވިސްނުން ﷲ ދެނޮވޮޑިގަންނަވާނެއެވެ. އެކަމަކުވެސް ހުރިހިތާމައެއް ބޮޑުކަމާއެވެ. މިވެރިންގެ އަޖަލު ހަމަވާނީ ކޮންދުވަހަކުންބާވައެވެ. ހާދަހާ ނުލަފާބައެކެވެ. އަހަރެމެން ވޯޓް ލައިގެން ހޮވި ރައީސްއަށް ހަދާލިގޮތް މިހާރުވެސް އަހަރެންގެ ލޮލަށް ފެންނަ ކަހަލައެވެ. އެދުވަހު އަހަރެން ރުއީމެވެ. ﷲގެ ހަޒްރަތުގައި ދުޢާދަނަވަމެވެ. އެމަނިކުފާނަށް ކާމިޔާބު ދެއްވުމަށެވެ. އަހަރެން މުޒާހަރާތަކަށް ނުނިކުތަކަސް އަބަދާ އަބަދު ކުރެވުނީ އެޚިޔާލްތަކެވެ. މިގައުމުގައި މިކުރަނީ ކޮންކަހަލަ ވެރިކަމެއްބާވައެވެ. މިއީ ހިންދީ ފިލްމެއްބާއޭވެސް ބައެއްފަހަރު ހިތައްއަރައެވެ. އަހަރެންކަހަލަ ކިތައްމީހުންނެއް މިޚިޔާލް ކުރާނެއެވެ. މުޒާހަރާތަކަށް ނުނިކުންނަނީ އަނިޔާކުރާތީއެވެ. ވަގުތުވެސްނުވަނީއެވެ. އެހެންނަމަވެސް އަހަރެމެންވަނީ ރައީސް ނަޝީދާއެކުއެވެ.އެމަކިކުފާނަށް ކާމިޔާބު ދެއްވުމަށް އެދި ﷲގެ ހަޒްރަތުގައި ދުއާ ދަންނަވަމެވެ. އެމަނިކުފާނަށް ކާމިޔާބު ﷲ ދެއްވާނެއެވެ. އިންޝާﷲ

  3. ސަތާރަ Reply

    May 10, 2012 at 2:10 pm

    ބާޣީން ރުޅިއަންނަނީ އެމްޑީޕީދެކެއެވެ. އެމްޑީޕީގެ ފިކުރުދެކެއެވެ. އެމްޑީޕީގެ މެމްބަރުން ދެކެއެވެ. ބާޣީން އެމްޑީޕީ ދެކެއަންނަ ރުޅި ފެބްރުއަރީ 7 އަދި 8 ގައި ފެނިގެން ހިގައްޖެއެވެ. އެމްޑީޕީގެ ފިކުރު ދެކެ އަންނަރުޅި މުޒާހަރާތައް ރޫޅާލުމަށް އެއުޅޭގޮތުން ހާމަވެއެވެ. އަދި އެމްޑީޕީގެ މެމްބަރުންދެކެ އަންނަރުޅި ރާޅުގަނޑު ސަރަޙައްދު ލޫޓުވާލުމާއި މާލޭ ސިޓީކައުންސިލަށް އެކުރާ ގޯނާތަކުން ހާމަވެއެވެ. އެމްޑީޕީގެ މެމްބަރަކަށް މިބާޣީން ފުރުޞަތެއް ނުދެއެވެ. ދަރުބާރުގެ އާއި އުސްފަސްގަނޑު ސިޓީކައުންސިލުން ވަކިކޮށް ބާޣީންގެ ބެލުމުގެ ދަށަށް ގެންނަން އުޅެނީ އެތަންތަނަށް އެމްޑީޕީގެ މެމްބަރުން ގޮސްއުޅޭތީއެވެ. މިހާރު ޚަބަރުލިބޭގޮތުން މިސްކިތްތަކަށް އެމްޑީޕީގެ މެމްބަރުންގޮސް އެތަންތަނުން ވުޟޫކުރުމާއި ފާޚާނާތައް ބޭނުންކުރުމާއި ކަރަންޓް ބޭނުކުރާތީ މިސްކިތައްވެސް ސިޓީކައުންސިލުން ވަކިކުރަން ބޮނަކުއާ މިނިސްޓަރުދަނީ މަސައްކަތް ކުރަމުންނެވެ.

  4. މުހައްމަދު Reply

    May 10, 2012 at 7:31 pm

    މިގައުމުގެ ހަލާކުގެ އެންމެ އިސްމީހަކީ ބުރުމާއެވެ. ތެލުގެ ވިޔަފާރި އެސްޓީއޯއިންކުރަމުން ގޮސް އެންމެ ފަހުން އެއިން ބައިއެޅޭ ގޮތަށް މިބުރުމާއާއި އިލިޔާސާއި މައުމޫނާ ދެމީހުން ހަވާލުކުރީއެވެ. އެތައް އަހަރަކު ތެލުން ފައިދާ ނަގާ އޭނަ މިލިޔަނަކަށް ހަދާދިނެވެ. ދެން އޭނައަށް ރިސޯރޓް ތަކާއި އެކިކަހަލަ ވިޔަފާރި ފަހިކޮށްދިނެވެ. މިތެލުގެ ވިޔަފާރިން އިލިޔާސް އާއި މައުމޫނަށް ބައިނޭޅޭގޮތަކަށް މިކަން ހިގާފައެއް ނޯންނާނެއެވެ. ރިސޯރޓްތައް ދީފައި ވާނީ ވެސް މިދެވަގުންނަށް ބައިއެޅޭގޮތަށެވެ. ދެން މިމީހުން ރާއްޖެއިން މިމުއްސަނދިކަން ފޭރެނީ އާންމުން ހައްގައް އަރައިތިބެއެވެ. އެއީ ކިރިޔާވާވަރުގެ މުސާރަ އަށް ދީގެން އަޅުން ގެންގުޅޭ އުސޫލުން މުސާރަ ދީގެން މިމީޙުންނަށް އޮންނަ އެއްޗެއް މަދުވެދާނެ ކަމުގައި ބިރުގައި ތިބުމެވެ. ބުރުމާ އެއްދުވަސްވަރެއްގައި ތަންކޮޅެއް މުސާރަ ބޮޑުކުރިއެވެ. މީނައަކަށް އެގޮތަށް ކެއްވީދުވަސްކޯލަކަށެވެ. މީނަދެކޭގޮތުގައި ރާއްޖެއިން ލިބޭއެއްޗެއް ލިބެންވާނީ މީނައަށެވެ. ޓެކްސް ނަގަން ފެށުމުން މީނަގެ ޖީބަށް ބާރު ބޮޑުވާންފެށުމުން މިބަޣާވަތަށް ޚަރަދުކޮށް ސަރުކާރު ވައްޓލުމުގެ އެއްމެ ބޮޑުބައެއްކުޅުނީ މައުމޫނާއި ގުޅިގެންމީނައެވެ. ބަލަގަ ޓެކްސް ނުނަގާގައުމެއް މިހާރު ނެތެވެ. ޓެކްސް އިންލިބޭލާރިން ޚަރަދުކުރަނީ މިމީހުން ރައްޔިތުންނަށް ކުޑަމުސާރައެއްދޭތީ އެމުސާރަވެރިންގެ މުސްކުޅި ބައިންބަފައިންނަށެވެ، އަދި މިޓެކްސް އިންމިހާރު ފައިދާކުރަނީ ރާއްޖޭގައި ޓުވަރިޒަމް ފަށާގަތުމުގައި އެންމެ ޙީވާގިކޮށް މަސައްކަތްކުރިމީހުންނެވެ، ޓެކްސް ދައްކަން ނުލިބެނަމަ ތި ރިސޯރޓްތައް ދޫކޮށްލާށެވެ، އެއިރުން މާރަގަޅަށް ތިރިސޯރޓް ހިންގާނެ މީހުން ލިބެން އެބަތިއްބެވެ. މިވިޔަފާރިވެރިން ކިތަންމެ ވަރަކަށް ފުއްޕިޔަސް އަދި ލާރިހުއްޓަސް ދުނިޔޭގެ އެހެންގައުމެއްގައި މިއިންމީހަކަށް އެގައުމުތަކުގައި ބޮޑުޓެކްސް އެއް ދޭންޖެހީތީ ނުއުޅެވެއެވެ. ހަމަ އުޅެން އޮތީ މިތަނެވެ. ދެން ތިގޮތަށް އަބަދާއި އަބަދު ގައުމާއި ރައްޔިތުންގެ ދުޝްމަނުން ގޮތުގައި އުޅެވޭެތޯ ބަލަން ގިނަރައްޔިތުންތަކެއް ތިބިކަން ހުރިހާ ބާޣީންނަކަށް ހަދާންކޮށްދެމެވެ/

  5. ރަތްޔިތުމީހާ Reply

    May 10, 2012 at 8:38 pm

    ކޮންޑިމޮކްރަސީއެއް ކިޔާކަށް. ޑިމޮކްރަސީއެއި މިގައުމުގެ ހަލާކު. ޑިމޮކްރަސީއަށް ހަލާކުހުރި.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>