އަމިއްލަ އެދުމަށްޓަކައި ދިވެހިރާއްޖެ ބަގުރޫޓު ކޮށްލަނީ!

29 ޖޫން 2012 02:24 | 17 ކޮމެންޓް

އިންޖީނުގައި ހުރި ތެޔޮ ފޮދު ނަގައިފިނަމަ އިންޖީނު ހުއްޓޭނެ ކަމަށް ބުނެ ކުރީގެ މިނިސްޓަރ އިނާޒް ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފި!  

-ފިރުޝާން ޔޫސުފް-

2012 ވަނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުން ނުވެގެން ކަމަށް ބުނެ ޕީޕީއެމް އިން ހިންގާ ސަރުކާރުން ލޯނު ނަގާފައިވުމަކީ ވަރަށް ސީރިއަސް މައްސަލައެކެވެ. މި މައްސަލަ ސިދާ ގުޅިފައިވަނީ ރާއްޖޭގެ އާއްމު ރައްޔިތުންގެ ހާލަތު މިހާރަށްވުރެ ދަށްވުމާއި އަދި ރާއްޖޭގެ މެދު އަދި ކުދި ފަންތި ތަކުގެ ވިޔަފާރިތަކުގެ ދެމި އޮތުމާމެދުއެވެ.

މިލޯނަށް ސަރުކާރުން އަނބުރާ 384 މިލިއަން ރުފިޔާ (ރިބާއާއިއެކު) ބޭންކަށް ދައްކަން ޖެހެއެވެ. މާނައަކީ ރައްޔިތުންގެ ބަނދަރު ހެދުމަށާއި މަގު ހެދުމަށާއި އަދި އެހެންވެސް ތަރައްޤީޤެ މަސައްކަތަށް ވިޔަފާރި ކުރާ ކޮންމެ ފަހަރަކު ޖީއެސްޓީގެ ގޮތުގައި ދައްކާ ފައިސާއިން 384 މިލިއަން ރުފިޔާ ބޭންކް އޮފް މޯލްޑިވްސް އަށް ދައްކަން ޖެހުމެވެ.

300 މިލިއަން ރުފިޔާގެ ލޯނު ނަގަން ޖެހުނީ ކީއްވެ؟

ކުރުކޮށް ސިދާކޮށް ބުނެވޭނީ މި ލޯން ނަގަން ޖެހުނީ 7 ފެބްރުއަރީގެ ސަބަބުން ކަމަށެވެ. ވެރިކަން ގަދަކަމުން ވައްޓާލުމަށްފަހު ރައްޔިތުންގެ ވޯޓަކުން ހޮވާފައި ނެތް ސަރުކާރެއް ރާއްޖޭގައި ގާއިމު ކުރުމުގެ ސަބަބުން ރާއްޖެއަށް އެހީއާއި ލޯނު ތައް ދޭ ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި ބޭންކްތަކުގެ އިތުބާރު ރާއްޖެއަށް ގެއްލުނެވެ. ރާއްޖޭގައި މިވަގުތު އޮތް ސަރުކާރުގެ ސައްހަ ކަމާއި އަދި ދެމިއޮތުމާ މެދުވެސް ގިނަ ސުވާލުތަކެއް އުފެދިފައިވުމުން ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރުމަށް ބޭރުގެ މާލީ އިދާރާތަކުން ދެމުންދާ އެހީތަކަށް ވާނެ ގޮތެއް ނޭގޭތީވެ އެކަން ވަނީ ހުއްޓިފައެވެ. އަދި ބޭރުގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓް ކޮށްގެން ކުރަމުން އައި މަޝްރޫއުތައް ވަނީ މަޑުޖައްސާލައި ބައެއް ކަންތައްތައް ހުއްޓާލާފައެވެ.  ޖީއެމްއާރާއި ދޭތެރޭ ޕީޕީއެމްގެ ސަރުކާރުން ކަންތައް ކުރަމުންދާ ގޮތް ފެނި އެފަދަ ދުއްތުރާތަކެއް ކުރިމަތިވެދާނެތީވެ ރާއްޖެއަށް ބޭރުގެ ކުންފުނިތަކުން އިންވެސްޓް ކުރުމަށް ފަސްޖެހެއެވެ.  ކުރުކޮށް ބުނާނަމަ 7 ފެބްރުއަރީ ގެ ހާދިސާ ވެފައިވަނީ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ރާއްޖެއަށް ލިބެން ހުރި ގިނަ އަދަދެއްގެ ފައިސާ ވަނުން އެއްކޮށް ހުއްޓެން ދިމާވި ހާދިސާ އަކަށެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖޭގައި ގިނަގުނަ ޕްރޮޖެކްޓް ތަކެއް އެއްފަހަރާ ކުރަމުން އައީ އިޤްތިސާދީ ހާލަތުގެ ވަކި މިންވަރެއްގައި ހިފަހައްޓައި ވަރަށް ބޮޑަށް ރޭވިގެންނެވެ. އެއީ  ވީވަރަކުން ވީހާވެސް އަވަހަކަށް ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދައި ދިނުމަށެވެ. އެތަކެއް އަހަރުތަކެއް ވަންދެން ދިވެހިން ފެންބޮވާ ގަނެފައިވާ ޚިދުމަތައް ހޯދައި ދިނުމަށާއި އަދި އެ ހޯދައިދޭ ތަރައްޤީގެ ހަރަކާތްތަކުގެ ތެރެއިން އިޤްދިސާދު އާރޯވާނެ ގޮތްތަކަކަށް މަގުފަހި ކުރަމުންނެވެ. އެކަން އެގޮތަށް ކުރެވެމުން އައީ ބޭރުގެ ޤައުމުތަކާއި މާލީ އިދާރާތަކުގެ މާލީ އެހީއާއި ފަންނީ އެހީ ރައީސް ނަޝީދުގެ ސަރުކާރަށް ލިބެމުން އައީތީއެވެ. އަދި ހަމަ އެކަން އެގޮތަށް ކުރެވެމުން އައީ ދުނިޔޭގެ ނިސްބަތުން ފާހަގަ ކޮށްލެވޭ އިޤްތިސާދީ މާހިރުންނާއި ތިމާވެށީގެން މާހިރުންނާއި ޓެކްނޮލޮޖީގެ މާހިރުންނާ ރައީސް ނަޝީދުގެ ސަރުކާރުން ގުޅުން ބަދަހިކޮށް އެމީހުންގެ އިލްމުގެ ބޭނުން ސަރުކާރުން ހިފަމުން ދިޔައީތީއެވެ. ރައީސް ނަޝީދުގެ ދޮން މީހުން އަރިސް ކޮށްގެން އުޅުއްވައޭ ބުނެ ނުބައި ގޮތްގޮތަށް އަޑު ފެތުރިޔަސް އަދި އެވާހަކަތައް ގަބޫލު ކުރިސް ނުކުރިޔަސް ހަޤީޤަތަކީ އެފަދަ ތަޖުރިބާކާރުންގެ ވިސްނުމުގެ ބޭނުން ކެނެރީގޭ ނަޝީދުގެ ވެރިކަމުގައި ހިފާފައިވަނީ ދިވެހި އާއްމު ފަރުދުންގެ ހާލާތު ރަނގަޅު ކުރުމަށް ހެޔޮ ނިޔަތުގައި ކަމެވެ. ގިނަ ކަންތައްތަކެއް އެއްފަހަރާ ކުރެވުމަށް ދިމާވި އަނެއް ސަބަބަކީ ނަޝީދުގެ ސަރުކާރަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިމޮކްރެޓިކް ހަމަތަކުން ހޮވުނު ސަރުކާރަށް ވުމާއި އަދި ހަމަ އެހެންމެ ހުދު އެމަނިކުފާނަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުގައި އިހްތިރާމާއި މަގުބޫލުކަން ލިބިގެންވާ ފަރާތެއް ކަމުގައި ވުމެވެ. މީގެ އިތުރުން އެމަނިކުފާނު ވަރަށް ފަތިހުގެ ވަގުތުގައި ހޭފުޅު ލެއްވުމަށްފަހު ވަރަށް ދަންވަންދެން ކެނޑިނޭޅި ކުރެއްވި ބުރަ މަސައްކަތްތަކަކީ އެ ސަރުކާރުގެ މަސައްކަތްތަކުގެ ދުވެލި އަވަސްވި ސަބަބެކެވެ.

ފެބްރިއަރީ 7 ގެ ފަހުން މި ދެންނެވި ހުރިހާ ކަމެއް ނެތި ގޮސްފިއެވެ. އޭގެ އިތުރަށް ޕީޕީއެމްގެ ސަރުކާރުގެ ޤާނޫނީ ސައްހަ ކަމާމެދު ޤައުމުތަކުގެ މެދުގައި ޝައްކުތައް އުފެދި، ކޮމަންވެލްތުން އަމުރަށް އެންކްއަރީ ކޮމިޝަނެއް އުފައްދަން ޖެހި،  އެ ކޮމިޝަނުން މިހާރު ރާއްޖޭގައި އޮތް ސަރުކާރުގެ ސައްހަ ކަން ޤާއިމު ކުރުމަށް މަސައްކަތް ކުރިއަށް ދާއިރު، އަދި އަމުދުން ޤައުމެއްގެ ގޮތުގައި ރާއްޖޭގެ ހަމަ ޖެހުމާއި ސަލާމަތާ މެދު ބޮޑެތި ސުވާލުތަކެއް އުފެދިފައިވާއިރު، ދަތް ކޮއްޓާ ދަނޑިކޮޅަށް ދާންދެން ބޭނުން ކުރާ ހުރިހާ އެއްޗެއް ބޭރުގެ ޤައުމުތަކުން އެތެރެކޮށްގެން ބޭރު ދުނިޔެއަށް ބަރޯސާވެ ދިރިއުޅުން ބައްޓަން ކޮށްގެން ތިބި ތިން ލައްކައެއް ހާ ދިވެހިންގެ ކުރިމަގާ މެދު ފިކުރު ކޮށްލައްވާށެވެ. ގާސިމް އިބްރާހިމްގެ ވީޓީވީއިން އަމިއްލަ ވަންތަކަމޭ ދިވެހިންގެ ޤައުމު އަނބުރާ ދިވެހިންނަށް ލިބިއްޖެއޭ ބުނެ ކިތަންމެ އޮޅުވާލުމުގެ ރިޕޯޓްތަކެއް ހެދިޔަސް ދޮން މީހުންގެ ޑޮލަރާއި އަވަށްޓެރި ޤައުމުތަކުން އެތެރެ ކުރާ މުދަލާއި އެމެރިކާއައި ޔޫރަޕިން ޔޫނިއަން ފަދަ ޤައުމުތަކުން ޚަރަދު ކުރާ އިދާރާތަކުން ދޭ އެހީތަކާއި ނުލައެއް ރާއްޖޭގެ ރައްޔިތުންނަކަށް ފާގަތި ތަނަވަސް ދިރިއުޅުމެއް ނޫޅެވޭނެއެވެ. އަދި ހުދު ގާސިމް އިބްރާހިމަކަށް ވެސް ތަނަވަސްކަމެއް ނުހޯދޭނެއެވެ. ރާއްޖެގެ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުވެ ތަނަވަސްވެގެން ދިއުމުގެ ފަހަތުގައި އެމެރިކާ އަދި ޔޫކޭ ފަދަ ޑިމޮކްރެޓިކް ޤައުމުތަކުން ޚަރަދު ކުރާ އ.ދ ފަދަ ޖަމާއަތްތަކުގެ ދައުރު ވަރަށް ބޮޑެވެ. އެހެން ކަމުން މިދެންނެވި ޤައުމުތަކުގެ އެހީތަކާއި ނުލައި ދިވެހިންގެ ދިރިއުޅުން ހީނަރުވާނެ ކަމީ ޝައްކެއް ނެތް ކަމެކެވެ.  މިއަދުގެ ގުޅިލާމެހިފައިވާ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެމެރިކާފަދަ މުއްސަނދި ޤައުމުތައްވެސް އެކަނި މާއެކަނި ފުދިގެން ނޫޅެވޭނެ ކަމަށް އޮބާމާ ފަދަ ލީޑަރުންވެސް ވިދާޅުވެއެވެ.  

ރާއްޖޭގެ މިނިސްޓްރީ ތަކާއި މުއައްސަސާތައް ހިންގައި މުވައްޒަފުންނަށް މުސާރަ ދޭނެ ފައިސާ ހޯދުމަށް ސަރުކާރަށް ވަނީ ދަތިވެފައެވެ. ސައްތައިން ސައްތަ މުސްލިމް ޤައުމުގައި ހުރި މިސްކިތްތައް މަރާމާތު ކުރާނެ ފައިސާއެއްވެސް ނެތެވެ. މިސްކިތް ތައް މަރާމާތުކޮށް ބެލެހެއްޓުމުގެ ޚަރަދުވެސް ކުރަން ޖެހިފައިވަނީ ނިކަމެތި ރައްޔިތުންގެ ޖީބުންނެވެ. މިއީ ދިވެހި ތާރީހު މިހާތަނަށް ނުދެކޭ ފަދަ ލަތުވެތި ކަމެކެވެ.

ދިވެހި ކޮންމެ ރައްޔިތަކު އެރައްޔިތަކު ހޭދަ ކުރާ ކޮންމެ ފައިސާ ފޮއްޗަކުން 6 ޕަސަންޓް ޖީއެސްޓީގެ ގޮތުގައި ސަރުކާރާއި ހަވާލު ކުރެއެވެ. އެވަރުން ނުފުދިގެން އިތުރަށް  އެރައްޔިތުންގެ އަތުން ބޭންކް އޮފް މޯލްޑިވް މެދުވެރިކޮށް ފައިސާ ނަގައި އެ ފައިސާ ސަރުކާރުގެ ސިޔާސީ ވެރިން ބޭރަށް ކުރާ ދަތުރުތަކާއި ސަރުކާރު ހިންގުމަށް ހިނގާ ހަރަދުތައް ކުރުމަށް ނެގުމަކީ ރައްޔިތުންނަށް ދެވޭ އަނިޔާ އަކަށް ނޫނީ ނުވާނެއެވެ. އެފައިސާ އަކީ އެރައްޔިތުންގެ ތަރައްޤީއަށް ޤައުމުގައި ކަންތައްތައް ކުރުމަށް ހުރި ފައިސާއެވެ. އެހެންކަމުން އެރައްޔިތުން ހޮވާފައިވާ މަޖްލިހަކުން މިފަދަ ނިންމުމެއް ނިންމައިގެންވެސް ނުވާނެއެވެ.

  

384 މިލިއަން ރުފިޔާ ނުނަގައި ވާނެ އެތަކެއް ގޮތެއް – އެކަމަކުވެސް ހަމަ ރައްޔިތުން ފެލާލަންވީ ކީއްވެ؟

300 މިލިއަން ރުފިޔާ ބޭންކްން ސަރުކާރުގެ ރިކަރަންޓް ހަރަދަށް ނަގައި ބަދަލުގައި 384 މިލިއަން ރުފިޔާ ރައްޔިތުންގެ އަތުން ނަގާފައި ބޭންކަށް އަނބުރާ ދައްކަން ނުޖެހޭ ގޮތަށް ހެދޭނެ އެތަކެއް ގޮތެއް ވަރަށް ސާފުކޮށް ފެންނަން އެބަހުއްޓެވެ.

 އޭގެ ތެރޭގައި، ވެރިކަން ދިފާއުކުރުމުގެ އަމިއްލަ އެދުމުގައި ޕީޕީއެމްގެ ސަރުކާރުން ފުލުހުންނާއި ސިފައިންނަށް ކުރަމުންދާ ބޭކާރު ބޮޑެތި ޚަރަދުތައް ހުއްޓާލުމާއި، ސަރުކާރުގެ މޫނު މަތި ރީތި ކުރުމަށް ޔަހޫދީ ކުންފުނި ރުޑަރ ފިން އަށް މަހަކު ދައްކަމުންދާ މިލިއަން ޑޮލަރު ދެއްކުން ހުއްޓާލުމާއި، ވަހީދު އައްޔަށް ކޮށްފައިވާ ސިޔާސީ މަޤާމުތަކުގައި ތިބި މީހުންނާއި ބޯޑުތަކުގައި ތިބި މީހުން ތުރުކީ ފަދަ ބޭރުގެ ޤައުމުތަކަށް ކުރަމުންދާ އަގުބޮޑު އެކަމަކު ބޭކާރު ދަތުރުތައް ހުއްޓާލުމާއި އަދި ރާއްޖޭގެ ފުލުހުންގެ މުއައްސަސާއަށް ގިނަ އަދަދަކަށް މިހާރު ގަންނަމުންދާ ކަރުނަ ގޭގާއި މުގުރު ފަދަ ތަކެތި ގަތުން ހުއްޓާލުމާއި އަދި ފުލުހުންގެ މުއައްސަސާއަށް އެހެނިހެން ހަރުމުދާ ގަތުމަށް ކުރާ ހޭދަތައް ހުއްޓާލުމާއި، ވަހީދު ރާއްޖެތެރެއަށް ދާއިރު އެހާ ބައިވަރު ފުލުހުންނާއި ސިފައިންގެ ކޮންމެ ރަށަކަށް ދިއުމަށް ހޭދަވާ އެތަކެއް ލައްކަ ރުފިޔާ ޙަރަދު ނުކުރުމާއި، ސިވިލް ސަރިވިސްގެ މުވައްޒަފުންގެ މުސާރައިން އުނިކުރި ބައި ސިޔާސީ ރުހުން ހޯދުމަށް މިދަނޑުވަޅުގައި ދޫކޮށް ނުލުމާއި، ޕީޕީއެމްގެ ސަރުކާރަށް ބައިއަތު ހިފާފައިވާ ގިނަ މެމްބަރުންގެ މެޖޯރިޓީ ހިމެނޭ ރައްޔިތުންގެ މަޖްލީހުންގެ އެމީހުންގެ މުސާރަ އިން ކޮންމެވެސް ވަރެއް ދަށްކުރުމަށް ފާސްކުރުމާއި، ޤައުމީ މަސައްކަތެއް ކުރަމުންދާ ނޭޝަނަލް އެންކްއަރީ ކޮމިޝަނުގެ 3 މެމްބަރަކަށް ރިޝްވަތު ދިނުމަށް ދޭން އުޅޭ 75 ހާހުގެ އެލަވަންސް ކަނޑާލުމާއި، ވަހީދުގެ އަމިއްލަ ދަރިންނަށާއި ގާތް ތިމާގެ މީހުންނަށް ދީފައިވާ ސިޔާސީ މަޤާމުތަކުން އެމީހުން ވަކިކުރުން ފަދަ އެތަކެއް ކަމެއް ހިމެނެއެވެ. މި ދެންނެވުނު ކަންތައްތަކުގެ ތެރެއިން ކޮންމެވެސް 3 ކަމެއް ކޮށްލިޔަސް އެ ލޯނު ނުނަގައި ފަރުޖެހިދާނެ ކަމަށް ބެލެވެއެވެ.

މިހުރިހާ ކަމެއް ވާން އޮތްއިރު ރައްޔިތުންގެ ފައިސާއިން ލޯނު އަނބުރާ އަދާކުރުމަށް ޕީޕީއެމްގެ ސަރުކާރުންގެ ނިންމައިފިނަމަ، ރައްޔިތުންނަށް ތިޔަ ދެއްކެވެނީ މެދު އިނގިލި ނޫން ދެން ވަކީ ކޯއްޗެއްތޯއެވެ؟

 ބޭންކް އޮފް މޯލްޑިވްސް އިން ލޯނު ނެގުމުން ވާނީ ކިހިނެތް؟

ޕީޕީއެމްގެ ސަރުކާރުގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާއަކީ އަބަދުވެސް އިޤްތިސާދު ދަންނަ މީހެއް ކަމުގައި ވަކާލާތު ކުރަމުން އައި މީހެކެވެ. ހުދު އޭނާއަށް އިޤްތިސާދީ ނަޒަރަކުން ބަލާއިރު ބޭންކުން ލޯން އެގޮތަށް ނެގުމުގެ ނަތީޖާ ވަރަށް ރަނގަޅަށް އެނގޭނެވެސް މެއެވެ. ނަމަވެސް ވެރިކަމުގެ ލައްޒަތާއި އަރާމަށްޓަކައި މިއަދު އައްބާސް އާދިލް ރިޒާ ގިނަފަހަރު ހަމައިން ނެއްޓިހުރެ ނަފްސް ވިއްކާލައި ތިމާއަށް ބޮޑު ވަޒީފައެއް ލިބުނީތީވެ އެކަން ހިމާޔަތް ކުރުމަށްޓަކައި ދައްކާ ދެއުޅިއެއްނުވާ ދޮގު ވާހަކަތައް އަޑުއިވި ފެނުމުން އޭނާ ދަންނަ މީހުން ހަމަ ހަޤީޤަތުގައިވެސް ހިތާމަކުރެއެވެ. މިލޯނާ ބެހޭ ގޮތުން އޭނާ ބުނެފައިވަނީ މި ލޯނު ނެގުމުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދު ރަނގަޅުވުމަށް ބާރަކަށް ވާނެ ކަމަށާއި މިއީ ރަނގަޅު ކަމެއް ކަމަށެވެ. މިއީ ކަނޑައެޅިގެން ބުހުތާނު ދޮގެއްކަން އެކޮނޮމިކްސް ކިޔަވާ ދަރިވަރަކަށްވެސް އެނގޭނެއެވެ. އައްބާސް އާދިލް އިތުރު ފުޅު ހެއްދެވިޔަސް މިއީ ބޮޑު ވަރެވެ.

2008 ވަނަ އަހަރު މައުމޫނު ކެމްޕެއިނަށް ބޮޑު ފައިސާގަނޑެއް ބޭންކް އޮފް މޯލްޑިވްސް އިން ލޯނުގެ ގޮތުގައި ތަސްމީނު ނެގުމަށްފަހު މިއަދާއި ޖެހެންދެންވެސް އެފައިސާ އޭނާއަށް ދެއްކިފައެއް ނުވެއެވެ. އެ ފައިސާގެ އަދަދު 1 ބިލިއަނަށް އަރައެވެ. މި ފައިސާ ބޭންކަށް ނުލިބި އޮތުމުގެ ސަބަބުން ބޭންކްގައި ގެއްލުންވާ ވަރަށް ފައިސާ މަދުވެ، އަމިއްލަ ފަރާތްތަތަކަށް އެކިއެކި ބޭނުންތަކުގައި ލޯނު ދިނުމަށް ބޭންކް އޮފް މޯލްޑިވްސް އިންވަނީ މިހާނަތަނަށް ނުކުޅެދިފައެވެ. މެދު ފަންތީގެ އަދި އާދައިގެ ވިޔަފާރި ތަކަކީ ޤައުމެއްގެ އިޤްތިސާދުގެ އެންމެ މުހިއްމު ބައެއް ކަމުގައި ވިޔަސް އެފަރާތްތަކަށް ވިޔަފާރި ކުރިއެރުވުމަށް ދިވެހި ބޭންކުން ލޯނު ނުދެވޭ މައިގަނޑު ސަބަބަކީ މައުމޫނުގެ ގާތް މީހުންނަށް ދީފައިވާ ބޮޑެތި ލޯނުތަކަށް ބަރާބަރަށް ފައިސާ ދައްކާ ހަލާސް ކޮށްފައި ނުވުމެވެ.

މައުމޫނުގެ ވެރިކަމުގެ ފަހުކޮޅުގައި ގިނަ ލޯނުތަކެއް އޭނާގެ އައުވާނުންނަށް ދީފައިވާއިރު އޭގެ ޖުމްލަ އަދަދު 8.14 ބިލިއަން ރުފިޔާއަށް އަރައެވެ. މީގެ ތެރެއިން ގާތްގަޑަކަށް 5 ބިލިއަން ރުފިޔާގެ ލޯން ދީފައިވަނީ ސީދާ މައުމޫނަށް ވަފާތެރި  12 ފަރާތަކަށެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ ތަސްމީން އަލީގެ ސަލްޓަލްސް އޮފް ދަ ސީސް އިން ނަގާފައިވާ 577 މިލިއަން ރުފިޔާގެ ލޯނާއި ހަމަ އޭނާގެ ފޮނައްދޫ ޓޫނާ ޕްރޮޑަކްޓްސް އިން ނަގާފައިވާ 459 މިލިއަން ރުފިޔާގެ ލޯނެވެ. ތަސްމީނު ވަނީ ފަހުން މި ކުންފުނިތަކުގެ ރަޖިސްޓްރީ އިން އޭނާގެ ނަން އުނިކޮށް އޭނާގެ އާއި ގުޅުންހުރި ގާތް މަދު ބައެއްގެ މައްޗަށް ކުންފުނީގެ މިލްކު ވެރިކަން ދޫކޮށްލާފައެވެ. މިއަދު ވަރަށް ފަހުރުވެރިކަމާއެކު ތިމަންނަ ދައްކަން ޖެހޭ ލޯނެއް ނޯންނާނެ ކަމަށް ބުންޏަސް ހަޤީޤަތަކީ ތަސްމީނުގެ މޭސްތިރިކަމުގައި ތަސްމީނުގެ އަމިއްލަ ކުންފުނި ތަކަކަށް ތަސްމީނުގެ އަމިއްލަ އެދުންތަކެއް ހާސިލު ކުރުމަށް ދިވެހިން ބޭންކުން ނަގާފައިވާ ރައްޔިތުންގެ 1 ބިލިއަން ރުފިޔާގެ ލޯނަށްވާ ފައިސާ ދައްކަމުން ނުދާ ކަމެވެ. 2008 ވަނަ އަހަރު ބީއެމްއެލްއިން ދޫކޮށްފައިވާ ލޯނުތަކުގެ ޖުމްލަ އަދަދަށް ބަލާއިރު ތަސްމީނަށް ހަމައެކަނި 13 ޕަސަންޓް ލިބިފައިވެއެވެ. ރައްޔިތުންގެ ހައްޤޭ ކިޔައިގެން މިއަދު މީހުން ރައްޔިތުންތަކެއް ކުރިމަތީގައި ވާހަކަ ދައްކަން ހަޤީޤަތުގައި ލަދުވެތި ވާން ޖެހޭނެއެވެ.

2009 ވަނަ އަހަރުގެ އޯޑިޓް ރިޕޯޓްތަކުގައި ބޭންކުން ދޫކޮށްފައިވާ މިފަދަ ސިޔާސީ އެތަކެއް ބޮޑެތި ލޯނުތަކުގެ ތަފްސީލް ފެންނަން އެބަހުއްޓެވެ. އަދި އެކަމުގެ ސަބަބުން ދިވެހި ބޭންކަށް ބޮޑެތި ގެއްލުންތައް ވަމުން ދާއިރު އަނެއްކާވެސް ސަރުކާރުން ބޮޑު ލޯނެއް އެބޭންކުން ނެގުމަކީ ބޭންކް ރޭޕް ކޮށްލުން ފަދަ ކަމަށް ނޫނީ ނުވާނެއެވެ.

މިކަމާ ގުޅިގެން ކުރީގެ ފިނޭންސް މިނިސްޓަރު އިނާޒް ވިދާޅުވެފައިވަނީ ސަރުކާރުގެ ދަރަނިތަކާ މެދު ގޮތް ކިޔައި ސިޔާސަތު ކަނޑައަޅަން ޖެހޭ ފަރާތަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ކަމަށާއި ސީދާ ސަރުކާރުން މިޒާތުގެ ކަންތައްތަކުގެ ތެރެއަށް ވަނުމުގެ ބޭނުމެއް އެބޭފުޅާއަށް އެއްގޮތަކަށްވެސް ވިސްނި ވަޑައިނުގަންނަވާ ކަމަށެވެ. އަދި މިގޮތަށް ލޯނު ނަގައިގެން ޤައުމުގެ މާލީ ހާލަތު ރަނގަޅުވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އިނާޒް ވިދާޅުވެއެވެ.

“އިންޖީނުގެ ތެރޭގައި ހުރި ތެޔޮ ކޮޅު ނަގައިފިނަމަ، އިންޖީނުގެ ހިނގުން ހުއްޓޭނެ” އިނާޒް ވިދާޅުވިއެވެ. މިއީ ބޭންކް އޮފް މޯލްޑިވްސް ގައި ހުރި ފައިސާކޮޅު ނެގުމުން ކަންތައް ވާނެ ގޮތާމެދު އިނާޒް ދެއްވާ މާނައިން ފުރިގެންވާ ބިރުވެރި އިންޒާރެކެވެ. 

ރާއްޖޭގެ ގިނަ މެދު އަދި ކުދި ވިޔަފާރިތައް ކުރި ނާރައި ހީނަރުވާން ވަނީ ފަށާފައެވެ. އަދި އެތަކެއް ވިޔަފާރިތަކެއް ބަނީ ބަގުރޫޓު ވެފައެވެ. ތަކެތީގެ އަގު އިންތިހާއަށް ވަނީ އުފިލިގެން ގޮސްފައެވެ. މިހުރިހާ ކަމެއް މިހެން ހުރިއިރު އިޤްތިސާދުގެ މެޝިން ހިނގަގައިތުމަށް މިދެންނެވި ވިޔަފާރިތަކަށް ކޮޅަށް ތެދުވެވެން ޖެހެއެވެ. އެކަން ކުރެވެން އޮތީ ސިޔާސަތު ކަނޑައަޅަން ތިބި މީހުން މަގުފަހި ކޮށްދީގެންނެވެ. ބޭންކުތަކުން މެދު އަދި ކުދި ވިޔަފާރިތަކަށް ލޯނު ލިބޭނެ ގޮތް ހަމަޖެހިފައި އޮވެގެންނެވެ. އިނާޒް ވިދާޅުވެފައިވަނީ 300 މިލިއަން ރުފިޔާ ޕްރައިވެޓް ސެކްޓަރ ދިރުވުމަށް މާ ރަނގަޅަށް ބޭނުން ކުރެވޭނެ ކަމަށާއި ސަރުކާރުގެ މަސްއޫލިއްޔަތަކަށް ވާންޖެހެނީ އިޤްތިސާދު ކުރިއެރުވުމަށްޓަކައި އެފަދަ ކަންތައްތަކަށް މަގުފަހި ކުރުން ކަމަށެވެ.

ރައްޔިތުން މިކަމާއި ދެކޮޅަށް ނުކުންނަން ޖެހެނީ ކީއްވެ؟

މި ޤައުމުގެ މުއްސަނދި ކަމަކީ ވަކި ފަރުދެއްގެ އަތުގައި އޮންނަން ޖެހޭ ކަމެއް ނޫނެވެ. އެއީ އެންދެރިމާގެ އާއި ކާމިނީގެ އާއިލާ މީހުން އުފަލުގައި އުޅެން އޮތް އެއްޗެއްވެސް ނޫނެވެ. ޤަބޫލު ކުރަން ޖެހޭ ހަޤީޤަތަކީ ރާއްޖޭގެ ރަށެއްގެ ނިކަމެތި ދެމަފިރިއެއްގެ ދަރިއެކޭ މައުމޫނު އަބްދުލް ޤައްޔޫމުގެ ދެމަފިރިންގެ ދަރިއެކޭ ތަފާތެއް ނެތް ކަމެވެ. މައުމޫނު ރާއްޖޭގެ ވެރިކަން ކުރިއެކޭ ކިޔާފައި ރާއްޖޭގެ ބިކަހާލުގައި އުޅެންޖެހިފައިވާ އެތަކެއް ރައްޔިތުންނެއްގެ ކުރިއެރުމާއި ތަރައްޤީއާއި ސީދާ ގުޅިފައިވާ ފައިސާތަކެއް ވަކި ބައެއްގެ އަރާމު ދިރިއުޅުމަށް ހޭދަ ކުރެވިގެން ދިއުމަކީ އިންސާފެއް ނޫނެވެ. ނަމަވެސް މިހާތަނަށް އެކަން ވަމުން އަންނަނީ އެގޮތަށެވެ.

ރާއްޖޭގެ ކުދި ރަށްރަށުގައި އުޅޭ ރައްޔިތުންގެ ހޭލުންތެރިކަން ކުޑަ ކަމަށާއި އެމީހުންނަށް މައުލޫމާތު ފޯރުކޮށްދެވޭ މިންވަރުވެސް ކުޑަ ކަމަށާއި އަދި އެމީހުންގެ ދިރިއުޅުމުގެ ހާލަތުވެސް އެހެން ހިސާބުތަކާއި އަޅާބަލާއިރު ދަށްކަމަށް ޔޫއެންޑީޕީ އަދި އެޗްއާރުސީއެމް ފަދަ ތަންތަނުން މިހާތަނަށް ކޮށްފައިވާ ދިރާސާތަކުން ކަށަވަރުވެއެވެ.

ކުދި ރަށްރަށުގެ ރައްޔިތުންގެ މައުސޫމުކަމާއި ނިކަމެތި ކަމުގައި ފައިދާނަގައި ލާރި ދީގެން ވޯޓު ގަނެގެން ޤާނޫނު ހަދާ މަޖްލީހަށް ވަދެ ހަމައެކަނި އަމިއްލަ އެދުންތަކެއް ހާސިލު ކުރުމުގައި ދެމިތިބި ބަޔަކު ރާއްޖޭގައި އުޅޭ ކަމީ އެންމެން ދަންނަ ހަޤީޤަތެކެވެ. އޭގެ ތެރޭގައި ތަސްމީން އަލީ އަބްދުﷲ ޝާހިދު ޔާމީން އަބްދުލް ގައްޔޫމް ފަދަ ފަރާތްތައް ހިމެނެއެވެ.

 ހަޤީޤަތުގައި ރާއްޖޭގެ ކަންތައްތައް މިއަދު ހަމައަކަށް ނޭޅިގެން އުޅޭ މައިގަނޑު އެއްސަބަބަކީ ރައްޔިތުންނަށް ވަފާތެރި މެމްބަރުން ޤާނޫނު ހަދާ މަޖްލީހުގައި ނެތުމެވެ. ދިވެހި ގިނަ ރައްޔިތުން މިއަދު މަޖްލިސް މެމްބަރުން ސިފަކުރަމުންދަނީ ޤައުމަށް ދިމާވެފައި އޮތް ‘ބަލާވެރިކަމެއް’ ގެ ގޮތުގައެވެ. ސަބަބަކީ ކުޑަ އާބާދީތައް އޮންނަ ދާއިރާތަކަށް ކުރިމަތިލައި ފައިސާ ހަރަދުކޮށްގެން މަޖްލީހަށް ވަންނަ ވިޔަފާރި ވެރިން ގެ ހަމައެކަނި ބޭނުމަކަށް ވެފައި އޮންނަނީ އެމީހުންގެ ވިޔަފާރި މަސްލަހަތު ހިމާޔަތް ކުރުން ކަމަށްވުމެވެ.

300 މިލިއަން ރުފިޔާ ދިވެހި ބޭންކުން ކައްވާލުމަށް މަގުފަހި ވެގެން ދިއުމުގެ މައިގަނޑު ސަބަބަކީ ވެސް މިފަދަ މެމްބަރުންތަކެއް ހިމެނޭ މަޖްލީހަކުން އެކަން ނުހުއްޓުވާނެކަމުގެ ޔަޤީންކަން އޮތުމެވެ.

ރައްޔިތުންގެ މަޖްލީހުން މިކަން ނުހުއްޓުވާނެ ކަން ކަށަވަރު ވާއިރު ދެން އޮތީ ސީދާ ރައްޔިތުން ނުކުމެ މިފަދަ ކަންތައްތައް ހުއްޓުވުމެވެ. ސަރުކާރުން އެއްވެސް ރޭވުންތެރި ކަމެއް ނެތި ދިވެހި ބޭންކުން ނަގާފައިވާ 300 މިލިއަން ރުފިޔާގެ ކުރިމަތީގައި ރައްޔިތުން ހަމަހިމޭނުން ތިބިއްޖެނަމަ ސަރުކާރަށް އެދެވެނީ ވަރަށް ނުރައްކާތެރި މެސެޖެކެވެ. ދައުލަތުގެ ހަޒާނާ ހަފްސް ކޮށްލިޔަސް މައްސަލައެއް ނެތްކަމުގެ މެސެޖެވެ.

7 ފެބްރުއަރީގެ ފަހުން ރާއްޖޭގެ މާލީ ހާލަތު ދަށްވެފައިވާ މިންވަރަށް ރިއާޔަށްކޮށް،  ދިވެހި ބޭންކު ގައި ހުރި ފައިސާ ކޮޅު ހުސްކޮށްލައި އެބޭންކް އިނދަޖެހިއްޖެ ނަމަ އޭގެ ސަބަބުން ރާއްޖޭގެ އާއްމު ހާލަތު ދަށްވާނެ މިންވަރާމެދު ވިސްނާލައިފިނަމަ ސުދާނާއި ސޮމާލިއާ ފަދަ ޤައުމުތަކުގެ އާއްމު ހާލަތާއި ރާއްޖޭގެ ރައްޔިތުންގެ ހާލަތާއި ތަފާތު ތަކެއް އުޅޭނެ ކަމަކަށް ނުބެލެވެއެވެ. 

 

ބީއެމްއިން ނެގި 300 މިލިއަން ރުފިޔާގެ ލޯން – ރައްޔިތުންނަށް ވި ވަރަށް ބޮޑު ހިޔާނާތެއް!

ޖާބިރު އާއި ޤައުމީ ޕާޓީ އިން އެސްޓީއޯ ދަވާލަނީ!

17 ކިޔުންތެރިންގެ ޚިޔާލު

  1. ލިއުޝާން Reply

    July 5, 2012 at 11:31 am

    ތިޔަ ރިޕޯޓަކީ ވަރަށް ފުރިހަމަ ރިޕޯޓެއް…ހަޤީގަތަކީ ގައުމުގެ އިޤްތިޞާދު ކޮންމެދުވަހަކުވެސް މިދަނީ ހަރަކާތްތަކެއްގެ ތެރެއިން، މިގޮތައް ދާ ކޮންމެ ދުވަހަކީ މިގައުމުގައި ހުރިފައިސާ ހުސްވެ ގައުމު ބަނޑަށްޖެހި އިގްތިސާދު އަތުނުޖެހޭވަރުގެ ބޮޑު ފުން ވަޅުގަނޑަކަށް ވެއްޓިގެން ދިއުން.ތަކެތީގެއާއި ހިދުމަތުގެ އަގުބޮޑުވެގެން ދިއުން…އެމް.އެމް.އޭގެ ބެލެންސް ޝީޓަށް ބަލާލީމާވެސް 2012 ގެ ނިޔަލަށް މަޝަށް ލަފާކުރެވެނީ 37 ބިލިއަން ނުވަތަ 32 ބިލއަންވަރު ޑެފިސިޓްވާނެކަމަށް!! ލަފާކުރެވޭ…

  2. ޙޛޚޚީ Reply

    July 1, 2012 at 7:28 am

    ދިވެހިންނަށް މިހާރު އޮތީ 2 ގޮތް. އެއ ިބަގާވާތަކުން ގައުމު ދޮވެލާތަން ބެލުން ނޫނީ ރައްޔިތުންގެވެރިކަމެއް ގެނައުން

  3. މުހައްމަދު Reply

    July 1, 2012 at 12:01 am

    ކޮބާ ތަސްމީނު ނުވަތަ އޭނަގެ ކޮއްކުގެ ނަމުގައި ނަގާފައިވާ 1000 މިލިޔަން ނުވަތަ 1 ބިލިޔަނަށް ވުރެ ބޮޑު ލޯނު، މިލޯނު ނަގައިގެން ލޯނުގެ ލާރިގަނޑު ހަވާލު ކުރީ ރީތިރަށް ހެދުމަށްޓަކައި އެމެރިކާގެ ބިލިޔަނަރާއި، އޭނަ ރައްހެދީ އިތުރަށް ހިގާއެއްޗެއް އޭނަ ލުމަށް އެއްބަސްވެގެން، މިލާރި ނުލިބޭނަމަ ރީތި ރަށުގެ 100 މިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓް ސަރުކާރުގެ ޝެޔަރ އަށް ހަދަންވީ، އާންމު އެކަކަށް މިވަރުގެ ބޮޑު ލޯނެއް ދޫކުރަން ސިންގަޕޫރުން ބެންކްގެ ސީއީއޯކިޔާފައި މީހަކު ގެނައީ ބުރުމާގެ މިނިސްޓަރ ކަމުގައި ބުރުމާ، މިއެއްހާސް މިލިޔަނުން ކިތައް ކުދި ވިޔަފާރި ތަރައްގީސް ވި ބާވައޭ ހިތައް އަރާ، މިއުޅެނީ މިލޯނުގެ އިންޓްރެސްޓްވެސް ނުދީގެން، މިހެން މިކަން އޮތް ކަމުގައި ވިޔަސް ރީތިރަށަކީ ރާއްޖޭގެ އޮތް އެންމެ ކާމިޔާބު ރިސޯޓް، މިރިސޯޓް ގެ އިންވެސް އަށް އެރި 250 މިލިޔަން ރަގަޅުވެއްޖެއްޔާ މިހާރު ވާނީ ހަމަވެފައި،

  4. ދިއްގަރު ރިހާކުރު Reply

    June 30, 2012 at 3:29 am

    އައިޝާ އެބުނީ ހަމަ ރަގަލައް މިހާވަރު މިގައުމުގައި ވަމުންދާއިރުވެސް މަމެންނައް ކުރެވުނީ ކޮންކަމެއް ކުރާނެކަމެއް ހެދޭނެ ގޮތެއްވެސް އަދަކުނެތް ގަދަމީހާގަދަ ބަލިމީހާބަލި މިގައުމުގެ ފައިސާ ކައި ހުސްކުރަމުން މިދަނީ މިހާރަކުނޫން އަހަރެމެން ހަމަ
    ހޭރިހޭރިތިބީ މިގައުމުގައި ލޯހުރި ހުރިހާމީހުންނާއި ހިއްސުތައް ސަލާމަތުންތިބި އެއްމެން މިހުރިހާކަމެއް
    ރަގަޅައް ދެނެތިބި މިހެން ލިޔާ މީހުން މިވައްތަރު ވާހަލިޔުނީމާ ކަމުދާ ބަޔަކާއި ނުދާބަޔަކުވެސް ތިބޭނެ
    އެންމެންވެސް މިކަންތަކާއި ދެރަވެ ރޮއި ހަދައެވެ
    އެކަމަކު މިގައުމުގައި މިކަންތައްތަކާއި މެދު މިހިސާބައް
    ދިޔައިރުވެސް ކަމެއް ކޮދެވުނު އަދި ކޮއްދިން މީހަކުވެސް ނެތް.

  5. ަިިިްއަައިޑިއަރ Reply

    June 29, 2012 at 9:31 pm

    ބޭންކްގެ ބޯޑުގެޑިރެކްޓަރުން ފަހާ ދުވަންވީ. އެމީހުންނަކީ ޔާމިން، މައުމޫނުގެ ޕަޕެޓުން. އެމީހުން އެޕްރޫވް ކުރީމަ ދެވޭނީ. އެމީހުންނޭ ބޭންކް ދޮވެލަނީ.

  6. ލަލާ Reply

    June 29, 2012 at 5:56 pm

    މިއީ ހަމަ ހަގީގަތުގައިވެސް ވަމުންދާގޮތް. ސަރުކާރު މުވައްޒަފުންގެ އަތުން ކަޑާލި ފައިސާ 01 ޖުލައިން ފެށިގެން ދެނިއްޔޭ މިކިޔަނީވެސް ބޮޑުއޮޅުވާލުމެއް. މިހަދާގޮތަކީ މުވައްޒަފުންނަށް މުސާރަދޭން ހުރި ބަޖެޓުން %15 ފިނޭންސަށް ނަގަނީ. ނަގާފަ އޭގެއިން 1/12 ކޮންމެ މަހަކުވެސް ދެނިއްޔޯ. މިއީ ހަގީގަތުގައިވެސް މުވައްޒަފުން އޮޅުވާލަން ދައްކާވާހަކަ. އަސްލު މިހަދާގޮތަކީ އަނެއްކާވެސް މުވައްޒަފުންގެ މުސާރައިން %15 ކަޑާލަނީ މުވައްޒަފުން އޮޅުވާލާފަ. މިއަށްވުރެ މާރަގަޅުވާނެ ބުނަން ސަރުކާރަށް އޮބިނޯވެގެން މުވައްޒަފުންގެ އަތުން އަނެއްކާވެސް %15 ކަޑަން ވެއްޖެޔޭ ބުނަން. އެހެން ނުބުނަންވެގެން މުވައްޒަފުން އޮޅުވާލުމަށްޓަކައި މިކުރާކަމަކީ އޮފީސްތަކުގެ ވެރިން ލައްވާ މުވައްޒަފުންނަށް ޕްރެޝަރ ކޮށްގެން ޚަރަދު ކުޑަކުރެވޭތޯ ބެލުން. މީގެއިން ދޭހަކޮށްދެނީ ރައީސް ނަޝީދު ކުރެއްވި ކަންތައްތަކީ އިޚްލާސްތެރިކަމާއި އެކު ގައުމަށްޓަކައި ކުރެއްވި ކަންތައްތަކެއްކަން. ބާޢީން ކޮންމެ އެއްޗެކޭ ކިޔަސްވެސް.

  7. ވީ ލަވް އަންނި Reply

    June 29, 2012 at 5:38 pm

    އަސްލު ހަގީގަތުގައި އައިޝާ ގެ ކޮމެންޓާއި އަޅުގަނޑު ދެކޮޅެއް ނޫން. ސަބަބަކީ މިވަރުވެގެން ދާއިރު ވެސް ރައްޔިތުން ނިދިން ހޭ ނުލެވިގެން އުޅޭތީ. ބަޔަކު މީހުން ފާޅުކަން ބޮޑުގޮތެއްގައި ގަވްމު ކައި ހުސްކުރަމުންދާއިރު އެކަމާއި ދެކޮޅުހަދާނެ މިގައުމުގެ ރައްޔިތުން ކޮބާ؟ ސައިޒްގަ މިތިބީ. އައިޝާވެސް އެހެރީ ސައިޒްގަ އޭނަވެސް މިކަމާ އެއްބަހެއް ނުވާނެ.. ނަމަވެސް ސައިޒްގަ ހުރުން ނޫން ކޮންކަމެއް އައިޝާ އަށްވެސް ކުރެވޭނީ؟

  8. ސަތާރަ Reply

    June 29, 2012 at 5:27 pm

    މަދިރި މައުމޫނުގެ ބަލާވެރި 30 އަހަރު މަސައްކަތްކުރީ މިރާއްޖެ ސޯމާލިއާ އަށް ހެދޭތޯއެވެ. އެކަން ނުވީ ރައްޔިތުންގެ މަސައްކަތުންނެވެ. އަންނީގެ އޯގާތެރި ސަރުކާރުން މަސައްކަތްކުރީ 10 އަހަރުން މިޤައުމު ސިންގަޕޯރ އަށް ހެދޭތޯއެވެ. އެކަން ނުވީ ބާޣީންގެ ސަބަބުންނެވެ. މިހާރު މިއޮތް ބާޣީ ސަރުކާރުން މަސައްކަތްކުރަނީ މިޤައުމު އަފްޣާނިސްތާނަށް ހެދޭތޯއެވެ. މިފަހަރުވެސް ގޮތެއްނިންމާނީ ރައްޔިތުންނެވެ. ބާޣީންނަށް ފުރުޞަތު ދީފިނަމަ ހަމަކަށަވަރުން މިޤައުމުގެ ރައްޔިތުންނަށް ބާޣީން ވެލިކާންދޭނެކަން ޔަޤީނެވެ.

  9. ދެތިކިޕީ Reply

    June 29, 2012 at 1:05 pm

    މަށަށް ފެންނަނީ އޭނާ ރައްޔިތުން ކުރިމައްޗަށް ނުކުންނަން ނުކެރޭ ވަރު ކުރަން. ޕޯދިއަމް އަށް އަރާއިރަށް ލޯނު ދައްކަން ދާށޭ ކިޔާފަ ގޮވަން

  10. އައިޝް| Reply

    June 29, 2012 at 4:12 pm

    ލަދެއްވެސް ނުގަނޭ ދޯ މި ބާާޤީ ޤުންޑާއިން ތަށް ރަށްޔަތުންގެ ލާރިގަޑު ދަވާލާފަ މާއަބުއި ވެގެން ތިމާމެންވްރެށް ނެތިގެން މިއުލެނީ، މިމީހުން ޖަލުގެ ކުޑަގޮލިތަކަށް ލެވޭނެ ވަރަށް ކައިރި މުސްތަގުބަަލެއްގައި، އިންޝާ ﷲ.

  11. އަޙުމަދު Reply

    June 29, 2012 at 9:56 am

    އައިޝާއަކަށް މީހުން ސައިޒް ނުކުރެވޭނެ! މީއައިޝާގެ މައިބޮފާ މުދަލެއްނޫން ދިވެހި ރައްޔަތުންގެ ފައިސާގެވާހަކަ، ތިޔަހެން ބުނަންލަދުނުގަނޭތަ؟

  12. ގާސިމު މ ދިއްގަރު Reply

    June 29, 2012 at 9:56 am

    މިހާރުދިހަރުފިޔާއައްޑޮލަރުކިލޯ ބުރިކަޅުވަހީދުއެބަވިއްކަޔޯ އަހަރުމެންރަށުނޫހުވެސްވަރައްފަހުންގަނެފި ބާގީސަރުކާރުއެއްކަންފަތުގަހިފާމަގުމަތީގަމައުމޫނާއެކުދިއްގަރުރައްޔިތުންދަމާނަންވަރައްއަވަހައް

  13. ހަބީބު ރ މީދޫ Reply

    June 29, 2012 at 9:51 am

    އަހަރެންނަކީ މީގެކުރިންރަށުގެއެކުވެރިތޯހާޔާއަރުސަދުދެކެވަރަދެކޮޅުމީހެއްސަބަބަކީމައުމޫނާތަސްމީނުއާގާސިމުއާމިފަދަ މީހުންގެގޯސްވާހަކަމިމީހުންދައްކާތީ ނަމަވެސްމިނޫސްކިޔާލުމުންވިސްނިއްޖެ މިދެންނެވިލީޑަރުންކަމުގަހެދިގެންމިއުޅޭމީހުންނަކީމިރާއްޖެހަލާކުކުރަންނިކުމެތިބިބައެއްކަން ޑރ ބާގީވަހީދާ މައުމޫނުގުޅާލާގެންމިވަރަކުންމިއުޅުނީ ރައްޔިތުންގެލާރިތިރީސްއަހަރު ކެވުނުވަރުމަދުވެގެންދެންވެސްރައްޔިތުންގެދިޔަފެލާގެންއާއިލާމުއްސަނދިކުރަންކަންމިހާރުވިސްނިއްޖެ ޔާ ﷲ މިނުބާމަކަރުވެރިމައުމޫނާއެއާއިލާނިކަމެތިކޮއް ބާގީންގެވަކިތަކުންމީދޫގެރައްޔިތުންނާއެންމެހާދިވެހިންސަލާމަތްކޮއް ރައީސްނަށީދުއައް މިގައުމުގެވެރިކަންދެއްވާއެނުބާގައްދާރުންހުރަގެޔައްލާއެމީހުންކުރިކުށުގެއަދަބުއެމީހުންނައްޖައްސަވާނދޭވެ އާމީން ﷲ އަކްބަރް

  14. އައިޝާ Reply

    June 28, 2012 at 11:15 pm

    ލޯނުވެސް ނަގާނެ އެހެން އެއްޗެއްހި ވެސް ނަގާނެ. ހަމަ ބަލަން ތިބެން ޖެހޭނީ! ސައިޒްގަ!

    • ފަރީސާ Reply

      August 2, 2012 at 2:23 am

      އައިސާއަށް ؛ ތިމާގެ އަމިއްލަ ދިރިއުޅުމާ މެދު ވިސްނާ ފިކުުރު ކޮށްލުން ކީއްތޯ… އެންމެންގެ ގައުމު އެންމެންނަށް

  15. ހަމީދު Reply

    June 28, 2012 at 11:14 pm

    ތަސްމީނު 1 ބިލިއަން ރުފިޔާ ދައްކަން ޖެހޭ! މަ ހަމަ ހައިރާންވެ އަންތަރީސް ވެއްޖެ! ކޮންމެ މީހެއްގެ ނަމަށް ކުންފުނިތައް ބަދަލު ކުރި ކަމުގައި ވިޔަސް މިކަން ކޮށްފައިވަނީ ތަސްމީނު. ރައްޔިތުންނޭ ކިޔައިގެން އަގަ ހުޅުވާ ވަރެއް ނުވޭ!

  16. ފަރޫ Reply

    June 28, 2012 at 11:13 pm

    މި ލިޔުން ކިޔުމަށްފަހު ވަރަށް ބޮޑަށް ވިސްނައިފިން. ރުޅިވެސް އާދޭ.. ދެރަވެސް ވޭ. އެންމެން އެކައްޗެއް ކިޔާފައި ނުކުންނަންވީ. ދިވެހި ބޭންކުން އެހާ ބޮޑު ލޯނެއް ނެގުމަކީ ވަރަށް ބޮޑު މިސްޓޭކެއް. އެކަން އިޤްތިސާދު ދަންނަ ކޮންމެ މީހަކަށްވެސް އެނގޭނެ. އަދި ކުދި ރަށްރަށުން މުއްސަނދިން މަޖްލީހަށް ހޮވުމުން ދުރުވާން ވެއްޖެ. ފައިސާ ދިނަސް ވޯޓު ނުދެމާތޯ. ކުޑަ އާބާދި މަދު ދާއިރާތަކުގެ ރައްޔިތުން ފައިސާ ކޮޅަކަށް ގަނެލެވެންޏާ ދުވަހަކުވެސް ރާއްޖެ ރަނގަޅެއް ނުވާނެ. އެކަމާއި ދެކޮޅަށް ކެމްޕެއިން ކުރަން ޖެހޭ.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>